އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ވޯޓުލާމީހުން ރަޖިސްޓްރީ ވެފައިވާ ފޮށީގެ މައުލޫމާތު އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމު ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯޓު ލާންޖެހޭ ފޮށީގެ މައުލޫމާތު އެ ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން އެސްއެމްއެސް އެއްގެ ޒަރިއްޔާއިން ޗެކް ކޮށްލެވޭނެ ކަމަށެވެ. ނޫންނަމަ 1414 އަށް ގުޅައިގެންވެސް އެ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން އެސްއެމްއެސްގެ ޒަރިއްޔާއިން ޗެކް ކުރަން ބޭނުންވާ ފަރާތް ތަކުން VR space ID number ޖެހުމަށް ފަހު 1414 އަށް އެސްއެމްއެސް ކުރުމަށް އެ އިއުލާނުގައި ވެއެވެ.

ރަޖިސްޓްރީ ވެފައިވާ ފޮށްޓާމެދު ޝަކުވާއެއް އޮތް ނަމަ އޮގަސްޓް 15 ދުވަހުގެ 8:30 ން އޮގަސްޓު 16 ވާ ބުދަދުވަހުގެ 15:00 އަށް އީސީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ޝަކުވާ ހުށަހަޅާ ނަމަ "ރަޖިސްޓަރީ އަށް ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެފައިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީ ވެފައިވާ ނަމައެވެ.