ޕީއެންސީގެ ވެރިކަމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓް ހިފަހައްޓާނެ ކަމަށާއި އެމަނިކުފާނުގެ ބާއްވަވާނީ ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ސޯލިހް އަނިޔާވެރި ވެވަޑައިގަތީ ދިވެހި ފަސްގަނޑަށް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކަށް ހިޔާނާތްތެރި ވެވަޑައިގެންފައިވާ ކަމަށެވެ.

މި ރާއްޖޭގައި ވެރިކަން ކުރައްވާ އެންމެ އަނިޔާވެރިއަކީ ރައީސް ސޯލިހު ކަމަށާއި އެމަނިކުފާނު ވެރިކަމުން ބާލަން ގިނަ މަސައްކަތްތަކެއް އެންމެން އެކުގައި ކުރަން ޖެހޭ ކަަމަށް އަދުރޭ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ނިކުންނަންވާ ކަޅުއޮއްފުއްމިއެއްގައި އޭނާ ހައްޔަރު ކުރަން. ވެރިކަން ނިމިގެން ފުރައިގެން ދިޔަ ދީގެން ނުވާނެ. އޭނާ އަށް ހައްގު އަދަބު ދޭން އެބަޖެހޭ. ހިޔާނާތްތެރިޔަކަށް ދޭ އަދަބު ދޭން އެބަޖެހޭ. އަނިޔާވެރިކަން ދޭން ޖެހޭ އަދަބު ދޭން އެބަޖެހޭ.
އަދުރޭ

އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އަންނަގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓު ހިފަހައްޓައި، އިދިކޮޅުގެ ދައުރު ނިމެންދެން ރައީސް ސޯލިހު ޖަލަށްލާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. ރައީސް ސޯލިހްގެ އަނިޔާވެރިކަން، ވޯޓް ލުމާ ހަމައަށް އެންމެންގެ ހިތުގައި ވެސް ބާއްވަން އަދުރޭ އެދިވަޑައިގެންނެވިއެވެ.

އަޅުގަނޑުމެންގެ ދައުރު ނިމެންދެން ރައީސް ސޯލިހު ހުންނަވަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި.
އަދުރޭ

އަދުރޭ ވަނީ ރައީސް އަބްދުﷲ ޔާމިން ޖަލުން ނެރެވޭނީ ޑރ. މުއިއްޒު ވެރިކަމަށް ގެނެސްގެން ކަމަށް ވެސް ވިދާޅުވެފައެވެ.