އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވިތާ ދެ މަސް ދުވަހަށް ފަހު ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބާއްވައިފިއެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ކުރިއަށް ދާއިރު މިއަދު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކޮށްފައި ވަނީ ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި ރަޖިސްޓާޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތެކެވެ. ހެކިވެރިޔާ ބުނިގޮތުގައި އޭނާ ކުރީގައި މަސައްކަތް ކުރީ އައިޖީއެމްއެޗްގައި ކަމަށާއި އޭނާއެކޭ އެއްފަދައިން މޭރީ ވެސް މަސައްކަތް ކުރީ ރެޖިސްޓާޑް ނަރުހެއް ގޮތުގައި އައިޖީއެމްއެޗްގައި ކަމަށެވެ.
އަދި މޭރީ މަރުވި ދުވަހު ދެމީހުންވެސް ކުރީ ހެނދުނު ޑިއުޓީ އެއްކޮށް ކަން ފާހަގަ ކުރަމުން ހެކިވެރިޔާ ބުނީ އެ ދުވަހު މޭރީގެ އުޅުމުގައި ތަފާތުކަމެއް ފާހަގަވެފައި ނުވާކަމަށާއި، ފެންނަ ފެނުމަށް އޭނާ ހުރީ އުފަލުން ކަމަށެވެ.
އާދައިގެ މަތިން އެ ދުވަހުވެސް ދެމީހުން ވާހަކަ ދެއްކި ކަމަށާއި މޭރީ ބްރޭކަށް ދިޔައީ މެންދުރު 12:00 ޖެހިއިރު ކަމަށް ހެކިބަސްދިން ފަރާތުން ބުންޏެވެ. ބްރޭކް ވަގުތު ނިމުނު ފަހުން މޭރީ ހޮސްޕިޓަލަށް އައިސްފައި ނުވާކަން ފާހަގަކޮށް ހެކިވެރިޔާ ބުނީ ދެން ހަބަރު ލިބުނީ މޭރީ ދަންޖެހިގެން ހޮސްޕިޓަލަށް ގެނައި ވާހަކަ ކަމަށެވެ.
ނަމަވެސް މަރުވެފައި އޮތް އިރު އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ވާކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ނަމަވެސް މޭރީގެ މޫނަށް ނޫކުލަ އަރާފައިވާ ކަމަށް ހެކިވެރިޔާ ބުނެފައި ވެއެވެ.
މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންތަކެއްގެ ހެކިބަސް ނެގުން ކުރިއަށް އޮތް އިރު މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ލަމްހާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތު ކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފައީ ހެއްކެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފައީ ހެކި ހިމެނެއެވެ. ލަމްހާގެ މައްޗަށް ކޮށްފައިވާ 3 ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 10 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައާ ގުޅިގެން ލަމްހާއަށް ނަފްސާނީ ބައްޔާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަކޮށް 100 ދުވަހަށް ބަންދުން ދޫކުރުމަށް އޭނާގެ ވަކީލުން މީގެ ކުރިން ހުށަހެޅި ނަމަވެސް, ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދު ކޮށްފައި ވާ ސަބަބަށް ބަދަލު ނާންނަ ކަމަށެވެ. ލަމްހާ ބަންދު ކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ އިތުރުން މުޖުތަމައަށް ނުރައްކާލެއް އޮވެދާނެތީއެވެ.