އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަނުކޮށް މެދުކަނޑާލަން ޖެހުނު ދަރިވަރުންގެ ތެރެއިން، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަ ކުރުމަށް އެދޭ ދަރިވަރުންނަށް ލޯނު އެހީ ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ލޯނު އެހީ ދިނުމަށް ނިންމާފައިވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ޖުލައި 01 2023 ގެ ފަހުން އެދޭ ދަރިވަރުންނަށް ކަމަށެވެ. މި ގޮތުން މިކަމަށް އެދޭ ދަރިވަރުން ލޯނަށް އެދި ފޯމު ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މި ލޯނަށް އެދި މި މަހުގެ 21 ވަނަ ދުވަހު ގެ 13:30ގެ ކުރިން ހުށަހަޅަންޖެހޭ އިރު މިކަމަށް އެދި ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީ އަދި ގެރެންޓާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން ލޯން އެހީގެ ފައިސާ ޖަމާކުރުމަށް ދަރިވަރު އެދޭ އެކައުންޓް ނަންބަރު، އެނގޭނެހެން ބޭންކް ޑިޕޮސިޓް ސްލިޕް ނުވަތަ އެކައުންޓް ނަންބަރު އެނގޭނެ ބެންކް ލިޔުމެއް ހުށަހަޅަންޖެހެއެވެ. އަދި ކޯސް ފެށޭ ތާރީހާ ނިމޭ ތާރީހް ނުވަތަ ކޯހުގެ މުއްދަތު އެނގޭނެހެން އަދި ކޯހަށް ދައްކަންޖެހޭ ފީ އިނގޭނެހެން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ފްލައިން ސްކޫލް ހިންގި ދުވަސްވަރު ޕައިލޮޓް ޓްރޭނިން ގައި ބައިވެރިވެ، އެ ކުންފުނީގެ އިހުމާލުން ދަރިވަރުން ކޯސް ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.