ތިމަން މަނިކުފާނު ފިޔަވައި އަންނަ މަހު ބާއްވާ އިންތިހާބުގައި ދެން ވާދަކުރައްވަނީ ހުސް އަމިއްލަ ފައިދާ އާއި މަސްލަހަތަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ މާފަރަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވީ، އެ އަތޮޅަށް ވަޑައިގަތުމުން ފެނިވަޑައިގަތީ މިހާރު މި އޮތް ސަރުކާރަށް އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުވާ މަންޒަރު ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިން ނަމަ، ރައްޔިތުން ނުކުންނަނީ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް މި ދައުރުގައި ކުރެވުނު މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ލިބިފައިވާ ކަމަށާއި، އެހެންކަމުން ކުރިއާ ހިލާފަށް މިފަހަރު ހާލަތު ތަފާތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނުސީދާ ގޮތެއްގައި ވާދަވެރިންނަށް ރައީސް ވަނީ ފާޑުވިދާޅުވެފައެވެ. ރައީސް ވިދާޅުވީ:

  • ކޯލިޝަނެއް ހަދައިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަމައެކަނި އޮތީ އެމްޑީޕީ އަށް ކަމަށް
  • އެހެން ކެންޑިޑޭޓުން ކޯލިޝަނެއް ހަދަން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެކީގައި ކުރިއަށް ދާނެ އެކަކު ވެސް ނުވި ކަމަށް

"އެހެންނޫންތޯ ވާނީ، އެއިން ކޮންމެ ބޭފުޅަކު ބޭނުންވަނީ ވެރިކަން، ނޫނީވިއްޔާ ބޮޑުވަޒީރުކަން،"

"އަދި ވެރިކަން އެއިން ބޭފުޅަކަށް ލިބުނަސް އަޅުގަނޑަށް ހަމަ ޔަގީން، ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ނޯންނާނެ، އަމިއްލަ އަމިއްލަ އަށް ބޭނުންވާ ކަންތައްތައް ނޫން ކަމެއް ކުރާނެ މީހަކު މިފަހަރަކު އެއް މި އިންތިހާބަކަށް އަޅުގަނޑު ނޫން ނެތް،" ރައީސް ވިދާޅުވިއެވެ.

މިއަދު ދެން އިތުރަށް ސިޔާސީ ގޮތުން ބޭނުންވެވަޑައިގަންނަވާ އެއްވެސް ކަމެއް ނެތް ކަމަށާއި މިހާރު ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައި، ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް މިއަދު މާލެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.