ނ. ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ހަމަޖެހިފައި ވާ ކަަމަށެވެ. އަދި 2,205 މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 321 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 366 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,720 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނ. ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައި ވަނީ ޑިސެމްބަރު 29. 2022 ގައެވެ. މި މަޝްރޫއަކީ 64.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.