އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާތިލުވާ މީހުން އަލުން ރީރަޖިސްޓަރީ ކުރަން އިލެކްޝަން ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓު ލުމަށްޓަކައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ އަދަދު ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުވުމުން އެތަންތަނުގައި ވޯޓުފޮށި ނުބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި ފޮށިތަކުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުން، އަލުން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދު ހެނދުނު 08:30 އިން ފެށިގެން ހޯމަ ދުވަހުގެ މެންދުރު ފަހު 04:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ އިއުލާނުގައި ވެއެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލު ކުރެވޭނީ، ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ކަމަށް ވާއިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ.

މާލޭގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ރީ-ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އީސީން މައުލޫމާތު ދިނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެފައިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީ ވެފައިވާ ނަމައެވެ.