ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އިންތިހާބާ ބެހޭ ގަވާއިދުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިހާބުގައި ވޯޓު ނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށާއި ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ލިބިދެއެވެ.

އީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަންދޫބުންނަށް ވާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 15:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މަންދޫބު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގައި ހިމެނެނީ:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން
  • ޖިނާޢީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ނުވުން
  • ރިޔާސީ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން
  • ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައި ނުވުން
  • ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން
  • ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން
  • ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންހާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބު ތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ. އަދި 65 ރިސޯޓެއްގެ އިތުރުން ފަސް ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ މީހުން ވާދަކުރާ ރިޔާސީ އިންތިހާބަށް ވާއިރު ޖުމްލަ 8 ކެންޑިޑޭޓުން ވާދަ ކުރުމަށް އީސީއަށް ވަނީ ފޯމް ހުށަހަޅާފައެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފާރިސް މައުމޫންގެ އިތުރުން ހަސަން ޒަމީލެވެ.