ސިޔާސީ ވާހަކަ ދައްކަވަން މިހާރު ބޭނުންފުޅު ނުވާ ކަމަށާއި، އެ ފުރުސަތު ދޫކޮށްލައްވާފައިވާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހައިކޯޓުގައި ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި ޔާމީން އެދިވަޑައިގަތީ ގެއަށް ބަދަލުކޮށްދިނުމަށެވެ. އެމަނިކުފާނު ވަނީ މިއަދުގެ އަޑުއެހުމުގައި ސިއްހީ ހާލުކޮޅާ ގުޅޭގޮތުންނާއި، އާއިލާ އިން ތަހައްމަލުކުރަމުންދާ ކަންކަމުގެ ވާހަކަފުޅު ދައްކަވައިފައެވެ.

ޔާމީން ސިއްހީ ހާލުކޮޅު ތަފްސީލުކޮށްދެއްވައި ވިދާޅުވީ:

  • އެމަނިކުފާނުގެ ޖިސްމާނީ ނުކުޅެދުންތެރިކަން އެބަހުރި ކަމަށް
  • ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ކަސްރަތުކުރެއްވުމުގެ ޖާގަ އެއް ނުލިބޭ ކަމަށް
  • ހޮސްޕިޓަލުގައި އޮންނަންޏާ އާއިލާ އިން އެކަމާ މެދު ހިތާމަކުރާނެ ކަމަށް

"ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް އަޅުގަނޑު ގޭބަންދަށް ބަދަލުކޮށްދިނުމަކުން، އަޅުގަނޑު ހަމަ ވަރަށް އާދޭހާ އެކު ދަންނަވަން، އަޅުގަނޑު ގޭބަންދަށް ބަދަލުކޮށްދިނުމަށް،" ފަނޑިޔާރުންގެ އަރިހުން ޔާމީން އެދިވަޑައިގަތެވެ.

ހަމަ އެއާއެކު، ސިޔާސީ ވާހަކަފުޅު ދައްކަވަން މިއަދު ބޭނުންފުޅު ނުވާ ކަމަށާއި، "އަޅުގަނޑު މި ހުރީ އެ ފުރުސަތު ދޫކޮށްލައިގެން" ކަމަށް ޔާމީން ވިދާޅުވިއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އާއި، އާރަށް ކުއްޔަށް ދިން މައްސަލައިގައި ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާކޮށް، އެ ޖޫރިމަނާ ދައްކަވާފައިނުވާތީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ޔާމީނަށް ގެއްލިފައެވެ. އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބާތިލުކުރުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ވެސް އެ ކޯޓުން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދެމެހެއްޓުމަށެވެ.

އެހެންކަމުން ޔާމީންގެ ބަދަލުގައި ވާދަކުރައްވަނީ ޕީޕީއެމާ ގުޅިފައިވާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އޭނާ ވެރިކަން ކުރައްވާނީ ޔާމީންގެ މަޝްވަރާގެ މަތިންނެވެ. އެއާއެކު މުއިއްޒު ވަނީ ޔާމީން ޖަލުން މިނިވަންކުރެއްވުމަށް ވެސް ވައުދުވެވަޑައިގެންފައެވެ.

ހަމަ އެއާއެކު ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަރިހު މިދިޔަ ހަފްތާގައި ދަންނަވާފައި ވާނެ ކަމަށް ވެސް، ދާދިފަހުން ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުއިއްޒު ވިދާޅުވިއެވެ.