ރައްޔިތުން ބުނެފިއްޔާ ޖަންގިޔާ ބާލާފައިވެސް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ދެއްކެވި ވާހަކައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޖޭޕީގެ މެނިފެސްޓޯ އާންމު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އުތުރު ތިލަފަޅުގެ ވާހަކަ ވެސް ދައްކާ އަޑުއިވިވަޑައިގަންނަވާ ކަމަށާއި އެ ވާހަކަ ދައްކާއިރުވެސް އެކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި އުތުރު ތިލަފަޅުގެ މައްސަލަ ކަމުގައި ވިޔަސް ކަނޑުގެ މައްސަލަކަމަށް ވިޔަސް އެހެން މައްސަލައެއް ކަމަށް ވިޔަސް ރައްޔިތުންނަށް ފޮރުވަންޖެހޭ ކަމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެކަމަކާމެދު ކަންބޮޑުވެގެން ރައްޔިތުން ވާހަކަ ދައްކަން ފެށުމުން ހާމަކުރަން ނުޖެހޭ ކަންތައްތައް ވެރިކަމެއްގައި ނުހުންނާނެ ކަމަށާއި އެއް ދައުލަތުގެ ވެރިއަކު އަނެއް ދައުލަތަކުގެ ވެރިއަކަށް ފޮނުވާ ސިޓީ ހާމަކުރަން ނުޖެހޭ ކަމަށް އެބޭފުޅުން [ސަރުކާރުން] ބުނާ ކަމަށެވެ. އަދި ސިޓީވެސް ހާމަކުރަން ޖެހޭނެ ކަމަށާއި ރައްޔިތުން ބުނެފިއްޔާ ޖަންގިޔާ ބާލާފައި ވެސް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ ސަރުކާރަށް ފާޑު ފިދާޅުވެފައެވެ.
އެއާއެކު އެ ޖަލްސާގައި ތިބި ގިނަ ބަޔަކު އަތްހަޖާ އަޑާއި ފޯރިނަގާ އަޑު ބާރަށް އިވެއެވެ.
ގާސިމް ވިދާޅުވީ އެ ވާހަކަ ދައްކަވަނީ އައުރަ ކަޝްފުކުރާށޭ ވިދާޅުވުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެކަން ތަފްސީލު ކޮށްދެއްވަމުން އިތުރަށް އޭނާ ވިދާޅުވީ، ރައްޔިތުން ހަވާލުކުރި ކަމެއް ގާނޫނުއަސާސީގެ ހުދޫދުގެ ތެރޭގައި އަދި ގާނޫނީ އިމުގެ ތެރެއިން ނޫން ގޮތަކަށް ވެރިކަން ކުރުމުގެ ބާރެއް އަދި އެއްވެސް މަގާމެއް ފުރުމުގެ ބާރެއް އެކަކަށް ވެސް ނެތް ކަމަށެވެ. އެފަދަ ބާރެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށާއި ސަރުކާރުން ކުރާ މަސައްކަތްތައް ހާމަކަމާއެކު ރައްޔިތުންނަށް ދެއްކުމުން ޕްރެޝަރެއް ވެސް ނޯންނާނެ ކަމަށެވެ. އޭގައި ގޯހެއް ނެތިއްޔާ އެކަމެއް އެ ނިމުނީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވީމައި ނުފެންނާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި ހުރިހާ ކަމެއްވެސް އޮންނާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ގާސިމްގެ އެ ހަޖުލާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު އެއް ބަޔަކު ބުނެފައި ވަނީ އަޑިންލާ އެއްޗެހީގެ ވާހަކައާއި ދުފާ އެއްޗެހީގެ ވާހަކައާ، މިކަހަލަ ވާހަތައް މިހާރަކަށް އައިސް ގިނައިން އިވެމުންދާ ކަމަށާއި ޓީވީތައް ހުޅުވައިގެން ދަރިންނާ އެކީ ޓީވީ ބަލަން ތިބުމުގެ ބަދަލުގައި އިޝާއަށް ފަހު އަވަހަށް ފައި ދޮވެލައިގެން ޝަހާދު ކިޔައިގެން އަރާ ނިދަން ތިބުން ރަނގަޅު ކަމަށެވެ.
ގާސިމް މިފަދައިން ވިދާޅުވެފައި ވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ގދ. ގައްދޫގައި އެމްޑީޕީން ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ދެއްކެވި 'ހުތުރު ވާހަކަ' އަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ދާދިފަހުން ޏ. ފުވައްމުލަކުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ ކޮވިޑް-19 ގެ ސަބަބުން ގައުމު ފިތިގެން ދިޔައިރު ވެސް ރައީސް ސޯލިހުގެ ހަށިކޮޅުން އައީ މާމުއި ކަމަށް ވިދާޅުވެފަވެ. އެކަމާ ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ޕޯޑިޔަމް ތަކަށް މެހި ހޯނު ކުރަފި އެރީމާ އެރީމާ ވާނީ އެހެނެވެ. އާންމުކޮށްވެސް ބާޒާރު ބަހުރުވަ އެކަނި ދަންނަ މީހުން ވެރިކަމަށް ކުފޫހަމަވާ ކަމަށް ފެނުނީމާ އިވޭނީ މިކަހަލަ އަޑުއަޑެވެ.