މީގެ ހަ އަހަރު ކުރިން މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކަށް ފެނަކަ ކުންފުނިން ސީނިޔާ އޮފިސަރުންގެ ވަޒީފާ ދީފައިވާތީ ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ސުވާލު އުފައްދަވައިފިއެވެ.

ޖުލައި 27، 2017 ގައި ހަވީރު ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ބަޔަކު އައިސް ނަދީމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލަދީގެންނެވެ. ނަދީމަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުންނެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިމެނޭހެން، ދައުލަތުން ފަސް މީހަކަށް ދައުވާކުރިއެވެ. އެ މީހުންނަކީ:

  • ހުސައިން ސަލީމް، ގ. ޝާރާޒް
  • އަލީ ނިފާޒް، ވިދާތަރި / ލ. ގަން
  • ހުސައިން ޝާމީން، ސަމަންތާ / ރ. އިންނަމާދޫ
  • މުހައްމަދު ކަރަމް ސުހައިލް، ހަވާސް / ގއ. ގެމަނަފުށި

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމާފައި ވަނީ މި ހަތަރު މީހުންގެ ކުށް ސާބިތުނުވާ ކަމަށެވެ. އެހެންވެ، ހައިކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފުކޮށް، މި ހަތަރު މީހުން ބަންދުގައި ބޭތިއްބުމަށް ވަނީ އެދިފައެވެ.

ދައުލަތުން ބުނީ، ނަދީމް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުންނަކީ:

  • މުޖުތަމައަށް ނުރައްކާވާ ބައެއް ކަމަށް
  • އެއީ ކުށުގެ ރެކޯޑު ހުރި، ނުރައްކާތެރި ގޮތަކަށް ކުށް ކޮށްފައިވާ މީހުން ކަމަށް
  • ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު ވެސް އެ މީހުން ތިބީ ބަންދުގައި ކަމަށް

ދައުލަތުގެ ފަރާތުން މިހެން ބުނުމުން، ނަދީމްގެ މަރުގެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދު ވަނީ، ދައުވާ ލިބޭ މީހުންގެ ތެރެއިން ޝާމީނާއި ކަރަމަށް ފެނަކަ ކުންފުނިން ސީނިޔާ އޮފިސަރުންގެ މަގާމުތައް ދީފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެހެންވެ، ދައުލަތުން ބޭނުންވަނީ މިކަމުގައި ކޮން ގޮތެއްތޯ ފަނޑިޔާރު އެއްސެވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ނައުޝާދު ވިދާޅުވީ، ޝާމީނާއި ކަރަމަށް ފެނަކަ ކުންފުނިން ވަޒީފާ ދީފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން އެގޮތަށް ހިނގާފައި ވާ ނަމަ، އެއީ ޒިންމާދާރުކަން ކުޑަކޮށް ފެނަކަ ކުންފުނިން ކޮށްފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ނަދީމްގެ މަރުގެ މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުނުވާ ކަމަށެވެ.

އެ މައްސަލައިގައި ދިފާއުންގެ ވަކީލުން ބުނީ، ދައުވާ ލިބޭ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ދިފާއުންގެ ފަރާތުން ވަނީ، ސަރުކާރުގެ ކުންފުންޏަކުން ވަޒީފާ ދީފައި އޮންނަ އޮތުމަށާއި، އެ މީހުންގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ބުނެ، ވާހަކަ ދައްކައިފައެވެ.