އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށިލުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބަލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިން ހިއްކުމާ، 106 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާ، 1,656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަަމަޖެހިފައެވެ. އަދި 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާ، 244 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާ، 20 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާ، އިންޓެގްރޭޓެޑް ނެޝިނަލް ޕަބްލިކް ފެރީ ނެޓްވޯކް އަށް އެކްސެސް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ޖަނަވަރީ17، 2022 ގައެވެ. މި މަޝްރޫއުގެ މަސައްކަތުގެ ޖުމްލަ އަގަކީ 80.4 މިލިއަން ރުފިޔާއެވެ.