އަންނަ ދައުރުގައި ފައިދާވާ ކުންފުންޏަކަށް މަސް ކުންފުނި، މިފްކޯ ހެދުމަށްފަހު ރައްޔިތުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަންނަވައިފިއެވެ.
ކެމްޕެއިން ދަތުރުފުޅުގައި މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަރެސްމާތޮޑާއަކީ މަސްވެރި ކަމަށް އެންމެ ކުރިއަރާފައި އޮތް އެއްރަށް ކަމަށާއި މަސްވެރިންގެ ޝަކުވާތައް އަދިވެސް އެބަހުރި ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް އިހުމާލުވެފައި އޮތް އޮތުން އެއް ފަހަރާ ހައްލުކުރަން ދަތިވެފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ފެލިވަރު ކޭނިން ފެކްޓްރީ އެޅިތާ 45 އަހަރުވާން ކައިރިވެފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އަދިވެސް އެ ފެކްޓްރީ ހުރީ ހުރިގޮތަށް ކަމަށާއި ކެޕޭ ސިޓީއަކަށް ބަދަލެއް ނާދޭ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަމާއެކު ގަނެވޭނެ ގޮތް ސަރުކާރުން ހަދައިދޭން ޖެހޭ ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓް، ކަޅުބިލަ މަހުގެ މަސްވެރިކަން ޕްރައިވެޓް ސެކްޓަރުގެ އަތް މައްޗަށް ދޫކޮށްލުމަކީ މުސްތަގުބަލެއް އޮތް ކަމެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާކުރަން ޖެހޭ ކަމަށާއި މިފްކޯއަކީ ހިއްސާ ވިއްކަން ރަނގަޅު ޕްރައިވެޓް ކުންފުންޏެއް ކަމަށެވެ. އަދި ބޭނުންވާ ކެޕޭސިޓީ މިފްކޯއަށް އިތުރުކޮށް އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހު އެކުންފުނީގެ ހިއްސާ ރައްޔިތުންނަށް ވިއްކާނެ ރައީސް ސޯލިހު ވިދާޅުވިއެވެ.
ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި ފެލިވަރު ކޭނިން ފެކްޓްރީއަށް ގެންނަ ބަދަލާއި މިދިޔަ ސަރުކާރުން އައްޑޫ ހެދި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ޑަބަލްކުރުމުގެ އިތުރުން މަސް ގަންނަ އިތުރު ބޯޓެއް ގެނައުމަކީ އެ ޕްލޭނުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މި ގެންނަ ބޮޑު ބަދަލާއިއެކު މަސްވެރިކަމުގެ ސިނާޔަތަކީ ޓުއަރިޒަމާ އެއްވަރު ނުވި ކަމުގައި ވިޔަސް ބޮޑު ސިނާއަތަކަށް ބަދަލުވެގެންދާނެ ކަމަށެވެ.