ގދ. ވާދޫ އަދި ފަރެސްމާތޮޑާގައި ގާއިމުކޮށްފައިވާ ފެނަކައިގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހު، ވާދޫ ފެނަކަ އޮފީސްގެ އިތުރުން ފަރެސްމާތޮޑާގެ އާ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ގދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ގދ. ވާދޫ ފެނަކަ އޮފީސް އިމާރާތުގައި ސްޓާފް ރޫމާއި ލޮބީ އަދި ރިސެޕްޝަނާއި ޕޭންޓްރީ، މެނޭޖާ ރޫމް، އަދި މީޓިންގް ރޫމާއި ގެސްޓްރޫމް ހިމެނޭއިރު މި ތަނަކީ ކުރީގެ އިމާރާތަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެކެވެ.

ގދ.ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެއަކީ ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ. މި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1840 ކިލޯވޮޓެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް އެކި މަރުހަލާތަކުގައި ދަނީ ހިންގަމުންނެވެ.