ގދ. ހޯޑެއްދޫ އަކީ ވެށީގެ ގޮތުން ނުހަނު ހިތްފަސޭހަ ރަށެއް ކަމުން އެ ރަށުގައި ލޯކަލް ޓޫރިޒަމް ފަށަން އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ގދ އަތޮޅަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި ހޯޑެއްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ނިމިގެންދާ ދައުރުގައިވެސް ވައުދުވި ކަމަށާއި އެ ވައުދުތައް ފުއްދެމުން އަންނަ ތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އަދި މި ދައުރުގާ އަޅާ އެންމެ ބޮޑު އެއް ބަނދަރު މި ރަށުގައި އަޅަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއު ވެސް ނިމެމުންދާ ކަަމަށެވެ.

ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ވެއްޖެނަމަ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި ލޯކަލް ޓޫރިޒަމް ފައްޓަވައި ދެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ވައުދުވެ ވަޑައިގަންނަވާފައެވެ.

"މި ރަށުގައި އެ ސިނާއަތް ކުރިއެރުވުމަށް އަޅުގަނޑުމެން ސަރުކާރުގައި ކޮށްދޭން ޖެހޭ ކަންތައް ދެވަނަ ދައުރެއްގައި ފަހިކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ހޯޑެއްދޫ އަށް ވަޑައިގެން ވާހަކަފުޅޫ ދައްކަވަނީ

އަދި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަން ކަމަށްވާ ކޮވިޑް ދުވަސްވަރުވެސް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 16 މިލިއަން ރުފިޔާގެ މި ރަށުގެ ރައްޔިތުންނަށް ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސްޑީއެފް ލޯންގެ ގޮތުގައި 16 މިލިއަން ރުފިޔާ ދިނުމަށް އެޕްރޫވްކޮށް 15 މިލިއަން ރުފިޔާ ވާނީ ރަށުގެ އެކި ރައްޔިތުންނަށް ފޯރުކޮށްދިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރަށް ހޮވިވަޑައިގެންފިނަމަ، ހޯނޑެއްދޫގައި އަންހެނުންނަށް ހާއްސަ ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް އަޅުއްވައި ދެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ފުޓްބޯޅަ ދަނޑެއް އަޅައި ރަށް ގިރުމުގެ މައްސަލަ ވެސް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.