އިންތިހާބާ ގުޅުވާ މީހުން ހައްޔަރުކޮށް، ތަންތަނުގައި ހުޅުޖެހުން ކުށްވެރިކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ދ. ކުޑަހުވަދޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވި ދަތުރުފުޅާ ދިމާކޮށް ޝުއޫރުފާޅު ކުރަމުން ދަނިކޮށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހުމަދު މައުރޫފް ހައްޔަރު ކޮށް، ރައީސް ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ރޯކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބާ ގުޅުވާ މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް މުދަލަށް ގެއްލުންދީ ހަދައިގެން ނުވާނެ، މަޑަވެލި އެމްޑީޕީ ޖަގަހާގައި ހުޅުޖެހުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މައުރޫފް ހައްޔަރުކުރީ އޭނާގެ ގޭގައި ޝުއޫރު ފާޅުކުރަނިކޮށް ކަމަށެވެ.
ރައީސް ނަޝީދު ވަނީ ފުލުހުން މިހާރު އަމަލުކުރައްވަނީ ގާނޫނުގެ އިމުން ބޭރުންކަން ފާހަގަކުރައްވާ މައުރޫފް ދޫކޮށްލަން ގޮވާލައްވާފައެވެ.
މައުރޫފް ހައްޔަރު ކުރީ އެމްޑީޕީގެ ޖަލްސާ ހިނގަމުން ދަނިކޮށް އެ ސަރަހައްދާ މާ ދުރުނޫން ހިސާބެއްގައި ހުރި ގެއެއްގެ ޓެރަސް މައްޗަށް ހޮޅިދަނޑިއަކަށް ނަގާފައި ހުރި ތާލަފިއްޔެ ބޭނުން ކޮށްގެން ސަރުކާރަށް ފާޑުކިޔާ ޝުއޫރުފާޅު ކުރަމުން ދަނިކޮށެވެ.
ކެމްޕެއިން ދަތުރުފުޅުގައި މިއަދު ރައީސް ގދ އަތޮޅަށް ވަޑައިގަތުމަށް ނިންމާފައި ވާއިރު ފުރަތަމަ މަންޒިލަކަށް ކަނޑައަޅާފައި އޮތީ މަޑަވެއްޔެއެވެ. ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތައްޔާރު ކޮށްފައިވާ ތަނުގައި ހުޅު ޖަހާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުން ދާއިރު ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ދަމާފައިވާ ކަޅު މެޓާއި، ބެނާތަކުގެ އިތުރުން ޕޯޑިއަމް އާއި ގިނަ އަދަދެއްގެ ގޮނޑިތަކަށް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ. މަޑަވެލީގައި އެމްޑީޕީ ޖަލްސާ ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ތަނުގައި ރޯ ކޮށްލި ކަމުގެ މައުލޫމާތު ފަތިހު 5:34 އެހާއިރު ލިބިފައިވާ ކަަމަށާއި އަލިފާން ރޯ ކޮށްލިތާ މާ ގިނައިރު ނުވަނީސް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިކަމާ ގުޅިގެން އެކި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ޑިމޮކްރެޓްސްގެ ހަމަތާކައި ރިވެތި އުސޫލުތަކުން ހުރިހާ ޕާޓީތަށް ކެމްޕެއިން ކުރުމަށްވެސް މާރިޔާ ވަނީ ގޮވާލައްވާފައެވެ.
މަޑަވެއްޔަކީ އެމްޑީޕީ އަށް ވުރެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ ތާއީދު ބޮޑު ރަށެއް ކަން ފާހަގަ ކޮށްލެވެއެވެ.