އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި 65 ރިސޯޓަކާއި ފަސް ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި 65 ރިސޯޓުގެ އިތުރުން، އިންޑިއާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިއާގެ ކުއަލަލަމްޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް ރިޔާސީ އިންތިހާބުގެ ވޯޓުލާ މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެފައިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކާ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީވެފައިވާ ނަމައެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ތައްޔާރީތައް ވަމުންދާއިރު އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން މިއަދު ބޭއްވުމަށް ވަނީ ނިންމާފައެވެ.