މި ސަރުކާރުން ޑްރޯން ބޭނުން ކޮށްގެން ސާމްޕަލް ޓްރާންސްފާ ކުރުމުގެ ޓެސްޓުތައް ހަދައި، މި މަސައްކަތުގައި އިތުރު މަރުހަލާއަކަށް ދާން ނިންމައިފިއެވެ.

އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް "އުފާވެރި އަމާންރާއްޖެ" ގެ ނަމުގައި ހިންގަމުންދާ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިރޭ ދ. ކުޑަހުވަދޫގައި ބާއްވާ ޖަލްސާގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ ފުރަތަމަ ބައި އިފްތިތާތަހް ކޮށްފައެވެ.

އެ މެނިފެސްޓޯ މައިގަނޑު ފަސް ބަޔަކަށް ބަހާފައިވާ އިރު، އޭގައި ހިމެނެނީ އުފާވެރި ދިރިއުޅުން، އަމާން މުޖުތަމައު، ޒުވާނުންގެ އާ ޖީލް، އިގްތިސޯދީ ބޮޑު ބަދަލު، އަދި ހެޔޮ ވެރިކަމެވެ. މީގެ ތެރެއިން މިރޭ އިފްތިތާހް ކޮށްފައި ވަނީ އުފާވެރި ދިރިއުޅުމެވެ. އެ ބައިގެ ތެރެއިން ތިން ބައެއް ތައާރަފް ކުރި އިރު، ޖުމްލަ 12 ކަމެއް ލޯންޗު ކޮށްފައި ވެއެވެ.

  1. ފެންވަރު ކަށަވަރު ސިއްހީ ހިދުމަތަށް އިތުބާރު
  2. ހަމަނޭވާ ލެވޭ ބޯހިޔާވަހިކަން
  3. ރިވެތި އިސްލާމީ ދިރިއުޅުން
  4. ފަހުރުވެރި ދިވެހި ރައްޔިތެއް
  5. ޖަމާއަތުގެ ބާރުވެރިކަމާއި ބައިވެރިވުން އަދި އިޖްތިމާއީ ރައްކާތެރިކަން
  6. މާދަމާގެ މީހާ މިއަދު
  7. ފެންވަރު ކަށަވަރަު މަތީ ތައުލީމާއި ތަމްރީން
  8. މާނަވީ ގޮތުން ކުޅިވަރު
  9. އިސްރަށްވެހިންގެ އިހަށް
  10. ބާރުވެރިކަމުގައި އަންހެނުންނަށް ފަހިކަން
  11. ވަށާލެވޭ ހިމާޔަތްތަކާއެކު ކުޑަކުދިންގެ އަޑު
  12. މާނަވެރި ބައިވެރިވުމުން ގަދަރުވެރި ދިރިއުޅުން

މީގެ ތެރެއިން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތަށް އިތުބާރުގެ ދަށުން، މެނިފެސްޓޯގައި ހިމްނާފައިވާ ކަންކަމުގެ ތެރޭގައި މޮބައިލް ލެބޯޓްރީގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި މިހާރު ޓެސްޓް ކުރެވިފައިވާ ޑްރޯން ބޭނުންކޮށްގެން ސާމްޕަލް ޓްރާންސްފާ ކުރުމުގެ ނިޒާމު ފުޅާކޮށް، އެ ނިޒާމުގެ ތެރެއިން، ތަހުލީލުގެ ނަތީޖާ ލިބެން ނަގާ ވަގުތު ކުޑަވެ، ފަރުވާ އަވަސްކުރުން ވަނީ ހިމަނާފައެވެ.

އެމްޑީޕީ މެނިފެސްޓޯގައި ސިއްހީ ދާއިރާއިން ފާހަގަ ކުރެވޭ ކަންކަން:

  • އާބާދީގެ ކޮންމެ 1000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖްތިމާއީ އެހީތެރިއެއް ހުރުން
  • މަސްތަށް ދެވިހިފައިފައިވާ ފަރާތްތައް ފަރުވާ ދިނުމަށް ރާއްޖޭގެ 3 ސަރަހައްދެއްގައި ރިކަވަރީ ވިލެޖް ގާއިމް ކުރުން
  • އާސަންދައަކީ ފުރިހަމަ އިންޝުއަރަންސްގެ ނިޒާމަކަށް ބަދަލުކުރުން
  • ކެޓް ޝެލްޓަރެއް ކްލިނިކަލް ހިދުމަތްތަކާއެކު ގާއިމުކުރާނެ
  • ނެޝެނަލް ބްލަޑް ބޭންކެއް ގާއިމް ކުރުން
  • އިންފަރޓިލިޓީ ފަރުވާއަށް ބޭނުންވާ ސްޕެޝަލިސްޓް ހިދުމަތްތައް ގާއިމު ކުރުން
  • ޖެރިއަޓްރިކް ކެއާގެ ހިދުމަތް ތައާރަފް ކުރުން
  • އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މޮޓޯސައިކަލް ޕެރަމެޑިކްސް ތައާރަފްކުރާނެ.

ހަމައެއާއެކު ސިއްހީ ދައިރާއިން އިތުރަށް މެނިފެސްޓޯގައި ހުރި ކަންކަމަށް ބަލާއިރު، ނެޝެނަލް ހެލްތް ސާވިސް ގާއިމުކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްދޭ ފަރާތާއި ހިދުމަތް ރެގިއުލޭޓްކުރާ ފަރާތް ވަކިވާ، ފެންވަރު އެކަށައެޅޭ ނިޒާމެއް ގާއިމް ކުރަން ވަނީ ނިންމާފައެވެ. ސަރަހައްދީ ފެންވަރުގައި ލިބެން ހުންނަ ހިދުމަތްތައް ރަށު ފެންވަރުގައި ލިބޭނެ ގޮތް ހަމަޖެއްސުމާއި، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު އެކަށައެޅޭ ނިޒާމު ހަރުދަނާ ކުރުމާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ދަރަޖަ ކުރެވިފައިވާ މިންގަނޑު މުރާޖައާކޮށް، އާ ހިދުމަތްތައް އެކުލެވޭހެން ސިއްހީ ހިދުމަތްދޭ މަރުކަޒަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ދަރަޖަ ކުރެވޭ މިންގަނޑާ އެއްވަރަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ބޭސް ސަރަހައްދީ ގުދަންތަކުގައި ގުދަންކޮށް ދެމެހެއްޓިނިވި ގޮތެއްގައި ޑިސްޓްރިބިއުޓް ކުރުމާއި، ނެޝެނަލް ބަޔޮމެޑިކަލް އިކުއިޕްމަންޓް ސެންޓަރެއް ގާއިމުކުރުމާއި، ރާއްޖޭގެ މެޑިކަލް ސްކޫލް ފުޅާކޮށް، ސްޕެޝަލިސްޓް ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނު ކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކްތައް ގާއިމުކޮށް، ފެމިލީ ހެލްތް ވޯކަރުންގެ މަސްއޫލިއްޔަތު ފުޅާކުރުމާއި، ކެންސާ، ކިޑްނީގެ ފަރުވާ، ޑިމެންޝިއާ އަދި ތެލެސީމިއާ ފަދަ ބަލިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާގެ ނިޒާމު ވަރުގަދަ ކުރުން ހިމެނެއެވެ.