އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ފޯމު ހުށަހެޅުއްވި ކެންޑިޑޭޓުންގެ ލިޔުންތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީސީއިން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކުން ވާދަކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓެއް ހިމެނެއެވެ.

އަމިއްލަ ގޮތުން ވާދަކުރާ ތިން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އަދި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލެވެ.

އުމަރު ނަސީރުގެ ރަނިން މޭޓެއްގެ ގޮތުގައި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ހަމަޖެއްސެވިއިރު ފާރިސް ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ޑރ. އަބްދުއް ސައްތާރު ޔޫސުފެވެ. އަދި ޒަމީލްގެ ރަނިން މޭޓަކަށް އައްޔަން ކުރައްވާފައި ވަނީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ.

އީސީއިން ބުނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުން ހުށަހެޅުއްވި ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރަމުން މަސައްކަތް ކުރިއަށްދާ ކަމަށާއި ސައްހަކަން ކަށަވަރުވިހާ އަވަހަކަށް އެކަން އީސީ އިން ހާމަ ކުރާނެ ކަމަށެވެ. އަދި އުންމީދު ކުރެވެނީ 24 ގަޑިއިރު ހަމަވުމުގެ ކުރިން ކޮމިޝަނުން ނިންމިގޮތް ހާމަކުރެވޭނޭ ކަމަށާއި 1500 މީހުންގެ ސޮއިގެ ސައްހަކަން ކަށަވަރު ކުރަމުން ގެންދާ ކަމަށް އީސީއިން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2 ގެ ނިޔަލަށް ހަމަވެފައިވާއިރު އަމިއްލަ ތިން ކެންޑިޑޭޓުންގެ އިތުރުން ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައި ވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ. އަދި މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ހަމަޖައްސާފައި ވާއިރު އިލްޔާސްގެ ރަނިންމޭޓަކީ ކުރީގެ އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރުއެވެ. އަދި ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އަމީން އިބްރާހީމެވެ.