ދ. މީދޫ ފެނަކަ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވާދެއްވައި އެރަށު ފެނުގެ ހިދުމަތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހް ކޮށްދެއްވައިފިއެވެ.

ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ރައީސް ފެއްޓެވި ދަތުރުފުޅުގައި މީދޫގައި ހުޅުއްވާދެއްވި އާ އިންޖީނުގެ އިތުރުން އާ އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޢިމާރާތްތަކެކެވެ. މިހާރުގެ އިންޖީނުގެއާ ހިލާފަށް އަލަށް އިމާރާތް ކުރި އިންޖީނުގެ އަކީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތް ކޮށްފައިވާ އިންޖީނުގެއެކެވެ.

މީދޫގައި ފެނުގެ ނިޒާމު ގާއިމްކޮށްފައިވަނީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު ނިންމާ މިހާރު ވަނީ ފެނުގެ ކަނެކްޝަންތައް ގޭގެއަށް ގުޅައިދީފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.