ކުންފުނިތައް އޮތީ ހިނގައި ނުގަނެވޭ ވަރަށް އަނދަވަޅަކަށް ވެއްޓިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ދ، މ އަދި ވ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ދ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރަށްރަށުގައި ކުރަން ހުރިހާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާމްދަނީ އިތުރުކުރަމުން ކުރިން ކުރަމުންދިޔަ ބޭކާރު ހަރަދުތައް ހުއްޓާލާ އާމްދަނީ އިގްތިސޯދު ފުޅާކުރަމުން ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސޯދު އޮތް ހާލަތު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ ހަވާލުވިއިރު ބޭރަށް ދައްކަން ހުރި ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ރައްޔިތުން ލައްވާ ކުންފުނިތަކުންނާއި މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދޭން ހުރި ބިލުތަކުގެ އަދަދު 9 ބިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި އެ 9 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިއަކީ ފެނަކައިން އެކި މީސް މީހުންނަށް ދަރާފައި ހުރި ފައިސާ ކަމަށާއި އެގޮތުން 4.2 ބިލިއަން ރުފިޔާ ހަމައެކަނި ފެނަކައިން ދޭން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސް މެނޭޖްކޮށްގެން ފެނަކަ އެއްކޮށް ވަނީ ސުންނާފަތިކޮށްލާފައި ކަމަށާއި ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ދައްކަމުން ބޭރުގެ ލޯނުތަކަށް ފައިސާ ދައްކަމުން އެކަން ކުރަމުންދަނީ ފައިސާ ޗާޕު ނުކޮށް ކަމަށެވެ. އަދި ވައުދުވިން ގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށާއި ފައިސާ ޗާޕުކުރި ނަމަ ގައުމު ބަނގުރޫޓުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރުފިޔާ ޗާޕުކުރި ނަމަ ދިވެހި ރުފިޔާ ގެ އަގު ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ ކަމަސާއި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ގޮސް އިގްތިސޯދު އެއްކޮށް ހަލާކުވިސް ކަމަށެވެ. އަދި ފައިސާ ޗާޕުކޮށް އެ 9 ބިލިއަން ދެއްކުމަކީވެސް ފަސޭހަ ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ނުކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރަނި ދައްކަން ހަދާފައި އޮތް ފަންޑުގައި ކުރިން ހުންނާނީ ޑޮލަރު ކަމަށާއި 2023 އާ ހަމައަށް އައި އިރު އޭގައި ޑޮލަރު ނެތް ކަމަށެވެ. އެހެންނަމަވެސް މިދިޔަ 3 މަސް ދުވަހުގެ ތެރޭގައި 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި ގަބޫލުފުޅުކުރެވޭ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން 100 މިލިއަނަށްވުރެ ގިނައިން ޑޮލަރު ޖަމާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2025 ގައި ވަރަށް ބައިވަރު ދަރަނި ބޭރަށް ދައްކަން އެބަހުރި ކަމަށާއި 2026 ގައި އެއަށްވުރެ ބޮޑެތި ދަރަނި ދައްކަން އެބަހުރި ކަމަށާއި އެހެންކަމުން އެ ފަންޑަށް ވަރަށް ގިނަ ޑޮލަރު ޖަމާކުރަން ޖެހޭ ކަމަށެވެ. އަދި ކުރީގައި އެކަން ކުރި ގޮތަށް ފުރުސަތު ނުދޭންވެގެން އެ ފަންޑު ހިމާޔަތްކުރުމަށް މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަވަހަށް ނިންމަން ބޭނުން ވަނީ އެއީ އިގްތިސޯދީ ގޮތުން މައި ދޮރާށި ކަމން އެ ދޮރާށި އަވަހަށް ހަދާ ނިންމާ ހުޅުވާލެވުނު ވަރަކުން އިގްތިސޯދު އިތުރަށް ފުޅާ ވާނެ ކަަމަށާއި ޓޫރިޒަމް އިތުރުވާނެ ކަމަށެވެ. އަދި އިގްތިސޯދު ގައި ބުންވަރު ޖެހޭ ވަރަކުން ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރާނެ މީހުން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އޮތީ އެއްކޮށް އިނދަޖެހިފައިކަން މަސްވެރިންނާއި ދިވެހި ރައްޔިތުންވެސް ގަބޫލުކުރާނެ ކަމަށާއި ހަވާލުވިއިރު 240 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ހުރީ ނުދީ ކަމަށާއި އެ ފައިސާ ދައްކާ އިތުރަށްވެސް 400 މިލިއަން ދައްކައިފައިވާ ކަމަށެވެ. އަދި ބާކީ ފައިސާވެސް ދައްކަމުން ދާ ކަމަށާޢި 48 ގަޑިއިރު ތެރޭގައި ފައިސާ ދެއްކޭ ހިސާބަށް ވާސިލްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފްކޯވެސް އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިފްކޯ ހިމެނޭހެން ފެނަކައާއި އާރްޑީސީއާ މިއިން ކޮންމެ ކުންފުންޏެއް ހިނގައި ނުގަނެވޭ ވަރަށް އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި ބިލުތަކުގެ މައްޗަށް ބިލު ހުރި ކަމަށެވެ. އަދި ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުން ބޭކާރު އިސްރާފުކުރުން ހުއްޓާލާ މިހާރު ސަރުކާރުގެ މިނިސްޓްރީއަކުން ކުންފުންޏަކުންވެސް ބޮޑެތި އިވެންޓްސްތައް ހުއްޓާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.