ދ. އަތޮޅުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަކޮށް އުއްދޫ ފަޅުރަށް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައިސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދ. މީދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވަހާކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މީދޫ ކައިރީގައި އޮންނަ އުއްދޫ ފަޅު ރަށަކީ މީގެ ކުރިން އަމިއްލަ ފަރާތަކަށް ވިަޔފާރި ކުރުމައްޓަކައި ދޫކޮށްފައިވާ ރަށެއް ކަމަށެވެ. މިހާރު އެރަށް ދޫކުރި މުއްދަތު ހަމަވުމުން ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއާ ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މީދޫއާއި ދ އަތޮޅުގެ ރައްޔިތުން ފިކްނިކްދާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށާއި މިހާރު އެރަށް ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށް ދެން ބަލަހައްޓަމުން ދާނީ އެ މިނިސްޓްރީން ކަމަށާއި އަދި އެ މިނިސްޓްރީ މެދުވެރިކޮށް ޕިކްނިކް ދިއުމަށް އެރަށް ބޭނުން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ރަށް ދަތުރުދިއުމަށް ދޫކުރަން ހަމަޖެހިފައވާ ގޮތުގެ ތަފްސީލް އާންމު ކުރާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މި ސަރުކާރު ހަވާލުވިއިރުވެސް އެރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައި އޮތް ކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް އޭރު ބަނދަރު ހެދުމަށް ހަވާލުކޮށްފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަހަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭގޮތަކަށެވެ. އަދި މީދޫއަކީ މަސްވެރިންކަން ކުރިއަރާފައިވާ ރަށެއް ކަމަށާއި ގިނަ އަދަދެއްގެ މަސްދޯނިތައް އޮތް ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބަނދަރު ތަރައްގީ ކުރާނީ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.