އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ އެކު 5 މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދަން ބަންޑާރަ ނައިބު އޮފީހުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ދަށު ކޯޓްގެ ހުކުމްގައި ވެއެވެ.
އެ މުއްދަތު މިދިޔަ ޖޫން މަހަށް ހަމަވެފައި ވާއިރު ޔާމީން އެފައިސާ ދައްކަވާފައެއް ނުވެއެވެ. އަދި އެ ފައިސާ ދައްކަން މީރާއިން މިހާތަނަށް އަންގާފައިނުވާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމްގެ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައިނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ކެންޑިޑެސީ ފޯމު ބަލައިނުގަތުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ސާބިތު ދަރަންޏަކީ އެމަނިކުފާނުގެ މައްޗަށް ދަށުން ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ބައެއް ކަމަށާއި މުޅި ހުކުމް އޮތީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ކަމަށެވެ. އަދި ދަރަންޏެއް ދެއްކުމަށް މުއްދަތު ހަމަވާ ތާރީހާއެކު މީރާ އިން ވަކީލުންނަށް އަންގަންޖެހޭ ކަމަށާއި ނަމަވެސް މިހާތަނަށް އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ދަރަނި ދެއްކުމަށް އަދިވެސް މުއްދަތު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެހެން ނަމަވެސް މި މައްސަލާގައި އިއްޔެ ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވަނީ ފައިސާ ނުދައްކައިގެން އެކަމުގެ ލިޔުން ރައީސް ޔާމީންނަށް މީރާއިން ފޮނުއްވާފަައިވާކަން ރެކޯޑްތަކުން ފެންނަ ކަމަށެވެ. އަދި އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް ދެއްވުމަށް އެދިވަޑައިގެން ޔާމީން ސޮއިކޮށް ޕިންގާ ފްރިންޓް ޖައްސަވާފައިވާކަން ކަރެކްޝަންސްގެ ލިޔުންތަކުން އެނގޭކަން ވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވެެއެވެ.