އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ގޮވާލައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ގޮތާ ހިލާފަށް، އިންތިހާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްގެ ސެނެޓުން ފާސްކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫޫރީ މައްސަލައިގެ އަޑުއެހުން ނިންމާލައި، ކޯޓުން ގޮތެއް ކަނޑައަޅާފައި ވަނީ މިއަދެވެ.

އެންމެ މަތީ ކޯޓުގެ ރައުޔުގައިވާ ގޮތުން:

ހަ މަސް ދުވަހުގެ ތެރޭ ޔާމީން ދެއްކުމަށް ހުކުމްކުރި ފަސް މިލިއަން ޑޮލަރު ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއްމުއްދަތު ފަހަނަހަޅާ ދިޔައިރު ވެސް ޔާމީން ފައިސާ ނުދައްކަވާޔާމީން ފައިސާ ނުދައްކަވާކަން މީރާގެ ނޯޓިހުން ވެސް އެނގޭއެހެންކަމުން، ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ތާއީދުކުރައްވައި، ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުން ނިންމީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ. އެންމެ މަތީ ކޯޓުގެ ހުކުމާ ވިދިގެން، ޔާމީން ވަނީ، ޕީޕީއެމްގެ ސެނެޓަށް ނޯޓެއް ފޮނުއްވައިފައެވެ.

"އަޅުގަނޑުގެ އިންތިހާބީ ހައްގުތައް ގެއްލުވާލުމާ ގުޅިގެން އަޅުގަނޑަށް ތާއީދުކުރާ އެއްވެސް ބޭފުޅަކު ވޯޓުނުލާ މި އިންތިހާބު ބޮއެކޮޓްކުރަން ގޮވާލަން"
ރައީސް ޔާމިން ފޮނުއްވި ނޯޓް

އެހެންވެ، ޔާމީން އެންގެވި އެންގެވުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ސެނެޓުން ވަނީ ބައްދަލުވުމެއް ބާއްވައި، ވޯޓެއް ނަގައިފައެވެ. 126 ސެނެޓަރުން ބައިވެރިވި އެ ބައްދަލުވުމުގައި އިންތިހާބުގައި ބައިވެރިވާން 67 ވޯޓު ލިބުނުއިރު، އިންތިހާބު ބޮއިކޮޓްކުރަން ފެންނަ ކަމަށް ވޯޓު ދިނީ 45 ސެނެޓަރުންނެވެ. ބައެއް ސެނެޓަރުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ސެނެޓުގެ ބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މީޑިއާތަކަށް ވިދާޅުވީ، ޔާމީން މިނިވަންކުރެވެން އަންނަނީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ، ސެނެޓުން ނިންމީ ޔާމީނަށް އެގޮތަށް ލަފާ އެރުވުމަށް ކަމަށެވެ.

ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ސުޕްރީމް ކޯޓުން އެދުނެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޯޓުގައި ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި ބުނެފައިވެއެވެ. ޔާމީނަށް ވާދަނުކުރެއްވޭ ފަދަ ހާލަތެއްގައި ނިކުންނެވުމަށް ޕީޕީއެމާ ގުޅިފައިވާ ޕީއެންސީގެ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށެވެ.

މި ކަމާ ގުޅިގެން ޕީޕީއެމްގެ ތެރޭގައި ދެބަސްވުންތަކާއި ކޯޅުން އުފެދިފައިވާ ކަން ފާހަގަކުރެވެއެވެ. ތިލަވާ މަންޒަރުތަކުން ހާމަވާ ގޮތުގައި، އިދިކޮޅުގެ ގިނަ ސަޕޯޓަރުން ތިބީ އިންތިހާބުގައި މުއިއްޒަށް ތާއީދުކުރާ ގޮތަށެވެ