މިއަދު 3 ގެ ފަހުން ޒަރޫރީ ބޭނުމަކަށް ނޫނީ ބްރިޖާއި ހައިވޭ ބޭނުންނުކުރަން ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައި ވާތީ މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ވަގުތުތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަސް އަންގާ ފުލުހުން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދީ، މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރާއިރު ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ހިދުމަތް ހިޔާރު ކުރުމަށް އެދިފައެވެ.
ފުލުހުން ބުނީ ދިމާވާ ހާލަތެއްގެ ސަބަބުން ޓްރެފިކް ޑައިވާޓް ކުރަންޖެހިއްޖެނަމަ އެކަން ކުރުމަށްޓަކައި ފުލުހުންގެ އޮފިސަރުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން ގެންދާނެ ކަމަށެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވެއެވެ. އެގޮތުން މާލެ އާއި ސިނަމާލެ ބްރިޖް ގުޅިފައިވާ ހަލި މަގަށް އުދަ އަރާ ގެއްލުންވިއިރު އައްޑޫގެ އެކި ހިސާބުތަކަށްވެސް އުދައިގެ އަސަރު ކޮށްފައި ވެއެވެ. މިއަދު މެންދުރުފަހުވެސް ރާޅުގެ އުސްމިން 6 ފޫޓާއި 8 ފޫޓާ ދެމެދު އުފުލޭނެ ކަމަށާއި ދިޔަ ބޮޑޫވާ ގަޑިތަކުގައި ބައެއް ރަށް ރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށާއި މިއަދު 2 އަކުން އިރުއޮއްސި 7 ޖަހަންދެން ދިޔަވަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މިހުރީ ރާއްޖޭގެ ގެރިންނަށް އަންނަ ތަންދޮރު ނުދަންނަ މީހުން ކުރާ ކަންތައް ބުރިޖު އެޅިތާ 5 އަހަރު މިހާރު ދިއަވަރު ބޮޑުވެ އުދައަރާ ބުރިޖުން ދަތުރު ކުރުމަށް ސަމާލުވުމަށް އެގޮޗާލަނީ