މާލޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރަން ފަށައިފިއެވެ.

އެގޮތުން އާޓިފިޝަލް ބީޗު ސަރަހައްދާއި ކާނިވަލް ސަރަހައްދަށް އުދަ އަރަން ފަށާފައިވާއިރު އުދައާއެކު ބޮޑެތި ރާޅުތައް ބޮޑު ތަކުރުފާނު މަގުން ފެށިގެން މަޖީދީމަގާ ހަމައަށްވެސް ވަނީ އަރާފައެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖްގެ ދެކުނު ފަޅިން އުދައަރަމުންދާއިރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބްރިޖުން ދަތުރުކުރަމުން ދިޔަ ސައިކަލުތަކާއެކު ގިނަ ބަޔަކު ވިއްސައިގެން ދިޔަ މަންޒަރެވެ. އެކަމާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވިން ނުވަތަ ނުވާކަމެއް ވީޑިއޯއިން ސާފެއް ނުވެއެވެ.

މާލެއަށް އުދަ އަރަމުންދާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. އެގޮތުން އެ އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 3:30 އިން ފެށިގެން އިރު އޮއްސި 6:30 އާ ހަމައަށެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް އެ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށެވެ.

މީގެއިތުރުން މެޓުން ވަނީ މިއަދުގެ 6 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށިގެންވާ ކަމަށް ބުނެފައެވެ.އެގޮތުން އުތުރާއި މެދުރާއްޖޭތެރޭގެ އަތޮޅުތަކަށް ހުޅަގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މެލާއި 15 މެލާ ދެމެދުގެ ބާރު މިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މެލާއި 13 މެލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.