ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަކީ އިދިކޮޅު ކޯލިޝަންގެ ޕްލޭން ސީ ކަމަށް ނައިފަރު ދާއިރަގެ މެންބަރު އަހްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގެންގުޅޭ ފްލޭންތައް ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ "ޕްލޭން އޭ" ކަމަށް ވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތަކަށް މައްސަލަ ނިމިގެން ދިއުން ކަމަށެވެ. "ޕްލޭން ބީ" އަކީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓެއް ނެރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ގޮތް ނެތިއްޔާ "ޕްލޭން ސީ" އަކީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް ނެރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ރޭ ބޭއްވި އަޑު އެހުންތަކުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އެ ކޯޓުން ނިންމައިފި ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށް ދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދޭން އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ފަރާތުން ގާނޫނީ ވަކީލް ވިދާޅުވީ މިހާރުވެސް އަދި މިވަގުތުވެސް ޕީޕީއެމް އިން ބޭނުންވާ ނަމަ އިތުރު ކެންޑިޑޭޓެއްގެ ނަން އިލެކްޝަނަށް ފޮނުވިދާނެ ކަމަށެވެ. ނުވަތަ ޕީޕީއެމް އިން އިތުރު ކެންޑިޑޭޓަކު ނެރެވިދާނެ ކަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން މިގޮތަށް އެދިވަޑައިގެންފައި ވާއިރު އެމަނިކުފާނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް މި މަހުގެ 3 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި ވާއިރު، ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވެފައި ވަނީ، އުންމީދަކީ އޭނާގެ ފޯމު ހުށަހަޅަން ޖެހޭ ގޮތް ނުވުން ކަމަށާއި، ނަމަވެސް ތައްޔާރީ ހާލަތަކަށްޓަކައި ކުށުގެ ރެކޯޑު ސާފުކުރައްވައި، ކުރައްވަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި ރަނިންމޭޓަކާ މެދު ގޮތެއް ނުނިންމަވާ ކަމަށެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރި މައްސަލައިގެ އަޑުއެހުން ނިންމާލާފައި ވަނީ 7 ގަޑިއިރު ފަހުންނެވެ. އެ އަޑުއެހުން ނިންމާލި އިރު، ދެން އަޑުއެހުން ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.