ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި އޮތުމުން ގެއްލިގެން ދަނީ އެމަނިކުފާނުގެ ހައްގެއް ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމާއި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވަވާފައިވާ މައްސަލަ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އިސްތިއުނާފްގެ މަރުހަލާ އޮންނަނީ ދަށު ކޯޓުތަކުން ކުރާ ހުކުމް ގަބޫލު ނުކުރާތީ ކަމަށާއި އިސްތިއުނާފް ކުރުމާއި އިންތިހާބުގައި ވާދަކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް އަދުލުވެރި ޝަރީއަތެއް ނުލިބިގެންދާ ދިއުމުގެ ސަބަބުން މި މައްސަލަތައް އައިސްގެން މިއުޅެނީ. އެއީ ސިމިލާ ނޫންތޯ އެޑްމިނިސްޓްރޭޓިވް ޖަސްޓިސްއާ،" ޔާމީން ވިދާޅުވިއެވެ. އަދި ހައި ކޯޓުގައި އޮތް މައްސަލަ ނުނިމެންވީ ކީއްވެތޯ ވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ޔާމީން އިތުރަށް ވިދާޅުވީ ކެންޑިޑެސީ ގަބޫލު ނުކުރަން އީސީ އިން ނިންމާފައި ވަނިކޮށް އެމަނިކުފާނުގެ މައުސޫމްކަން ހާމަވެއްޖެ ނަމަ، އެމަނިކުފާނުގެ ހައްގު ހޯދައި ދެވޭނެ ގޮތެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ. އަދި ކޯޓުގައި ގަވާއިދުން މައްސަލަ ކުރިއަށް ގެންދިޔަ ނަމަ ހައި ކޯޓުގައި އޮތް މައްސަލަ މިހާރު އޮންނާނީ ނިމިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީގައި އިސްތިއުނާފީ އަޑުއެހުންތަކާއި އެހެނިހެން އަޑުއެހުންތައް ނިންމަން ވެސް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފަނަށް ވާދަ ނުކުރެއްވުމަކީ އެތައް ރައްޔިތުންގެ ހައްގު ނިގުޅައިގަނެވިގެންދާނެ ކަމެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.