ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ ޕީޕީއެމް އިން އިތުރު ކެންޑިޑޭޓަކު ނެރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ ވަކީލު ވިދާޅުވެއްޖެއެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އަޑު އެހުންތަކުގައި ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލް ކޮށްދިނުމަށާއި އެމަނިކުފާނުގެ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުންވެސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދޭން ވެސް އެދޭ ކަމަށް ޔާމީންގެ ވަކީލު ވަނީ އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ފަރާތުން ގާނޫނީ ވަކީލް ވިދާޅުވީ އެކަމަށް ހުރަހެއް ނެތް ކަަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން މިގޮތަށް އެދިވަޑައިގެންފައި ވާއިރު އެމަނިކުފާނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް އަދިވެސް ކުރިއަށްދާ ކަން ފާހަގަކޮށް ޔާމީންގެ ގާނޫނީ ވަކީލު ވިދާޅުވީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށާއި އިންތިހާބުގައި ޔާމީން އަށް ވާދަ ކުރެއްވޭނެ ކަމަށްވެސް ވަކީލު ވަނީ ވިދާޅުވެފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި ވާއިރު އިސްތިއުނާފު އަވަސް ކުރުމަށް އެކި ފަހަރުމަތިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.