2020 ގައި އެމެރިކާގައި އޮތް އިންތިހާބުގެ ނަތީޖާ އޮޅުވާލެއްވުމަށް އޭރު ވެރިކަމުގައި ހުންނަވާ އެ އިންތިހާބުގައި ވާދަކުރެއްވި، ޑޮނާލްޑް ޓްރަމްޕް މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކުރާ މައްސަލައިގައި ރޭ އޭނާ ކޯޓަށް ހާޒިރު ކޮށްފިއެވެ.

އެ އިންތިހާބުން ޓްރަމްޕް ބަލިވެވަޑައިގަތުމުން، އޭނާގެ ސަޕޯޓަރުން ވަދެގަތް ގާނޫނޫ ހަދާ މަޖިލީހުގެ ގެ "ކެޕިޓޮލް" އާ މާ ދުރުނޫން ސަރަހައްދެއްގައި ހުރި ވޮޝިންޓަން ކޯޓަށް ހާޒިރު ކޮށް ދައުވާ އިއްވުމުން، މަޑުމޮޅި ކަމާއެކު ޓްރަމްޕް ވިދާޅުވީ، އެއީ ސިޔާސީ ގޮތުން ވާދަވެރި ފަރާތަކުން އޭނާ އާ ދެކޮޅަށް ކުރާ ދައުވާއެއް ކަމަށާއި އޭނާ ކުށްވެރި ނުވާކަމަށެވެ.

ޖިނާއީ ދައުވާތަކެއް ޓްރަމްޕްގެ މައްޗަށް އުފުލަމުން ދާ މި ދަނޑިވަޅުގައި މިއީ 4 މަސް ތެރޭ ކޯޓަށް ހާޒިރު ކުރި 3 ވަނަ ފަހަރެވެ.

މައިގަނޑު 4 ކަމެއް ފާހަގަ ކުރާ އިންތިހާބާ ގުޅޭ ދައުވާގައި؛

  • އެމެރިކާއަށް ވަގުހަދާ އޮޅުވާލަން ރޭވުން
  • ހެދިފައި އޮތް އުސޫލުތަކާ އެއްގޮތަށް ކަންވިޔަ ނުދޭން ރޭވުން
  • ހެދިފައި އޮތް އުސޫލުތަކާ އެއްގޮތަށް ކަންވިޔަ ނުދޭން އުޅުން
  • އާންމު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ރޭވުން

މި މައްސަލަތަކުގެ ދައުވާ އިއްވުމަށް ފަހު މައްސަލަ ބައްލަވާ ފަނޑިޔާރު މޮޒިލާ އުޕަދިޔަޔާ ވިދާޅުވީ، ދައުވާގެ ތަފްސީލުތަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކެވުމަށާއި އެކަން ކުރައްވައިފި ނަމަ ކޯޓުގެ ހުރުމތް ކެނޑުއްވި ކަމަށް ބަލައި ހައްޔަރު ކުރުމުގެ އަމުރެއް ނެރުއްވަން ޖެހިވަޑައިގެންފާނެ ކަމަށެވެ.

ދެވަނަ އަޑުއެހުން އޯގަސްޓް 28 އަށް ތާވަލު ކޮށްފައި ވާއިރު، ޓްރަމްޕްގެ ވަކީލުން ބުނީ، ދިފާއު ތައްޔާރުކުރަން އިތުރު ވަގުތު ބޭނުންވާނެ ކަމަށެވެ.

2020 ގައި އޮތް ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލިވެވަޑައިގަތީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޖޯ ބައިޑަން އާ ވާދަކުރައްވައެވެ. އެ ބަލި ގަބޫލު ނުކުރައްވައި އެތައް ދުވަހަކު ޓްރަމްޕް ހިފެހެއްޓެވުމުގެ ނަތީޖާއަކަށް ވީ އޭނާ އަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ގާނޫނު ހަދާ މަޖިލީހުގެ ގެއަށް ވަދެ އެތަން ހިސޯރު ކޮށް މުދާލާއި ތަކެއްޗަށް ގެއްލުން ދިނުމެވެ. އަދި މަގުތަކުގައި ހަމަނުޖެހުން ހިންގާ ފުލުހުންނާ ކުރިމަތިލުން ހިނގާފައި ވާ އިރު، މިކަންކަން ރޭއްވެވުމުގައި އިސްކޮށް ހުންނެވީ ޓްރަމްޕް ކަމަށް ތުހުމަތު ކުރެއެވެ. ޓްރަމްޕް އޭނާގެ ގާތް އާރުކާޓީއަށް ދެއްވާ ނުބައި މެސެޖްތަކާއި މައުލޫމާތުގެ މައްޗަށް އާންމު ސަޕޯޓަރުން ހަރަކާތްތެރިވަމުން ދިޔަކަމަށާއި، އެއީ ގަސްތުގައި ބަޔަކަށް އޮޅުވާލުން ކަމަށް ދައުވާ ކުރި ފަރާތުން ބަލާފައި ވެއެވެ.

އަދި އެ ދައުވާ ކުރީ އެމެރިކާގެ މުސްތަގުބަލަށްޓަކައި ކަމަށާއި އަންނަން އޮތް ޖީލުތަކަށް ކަންކަން ނަގުލުވެގެން ދާއިރު ހަމައެއް ދެއްކުމަށް ކަމަށް ބުނެފައި ވެއެވެ.

ކޯޓުން ނިކުމެވަޑައިގެން ފްލޮރިޑާއަށް ވަޑައިގަތުމަށްޓަކައި އެއާޕޯޓުގައި ހުންނަވާ ޓްރަމްޕް ވިދާޅުވީ، "މިއީ އެމެރިކާ އަށް ހިތާމަވެރި ދުވަހެއް ކަމަށާއި، މިއީ އެމެރިކާގައި ހިނގައިގެން ވާނެ ކަމެއް ނޫން" ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެ ޝަރީއަތަށެވެ.

މި ޝަރީއަތުގެ އިތުރުން، ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު ގެކޮޅަށް ގެންދެވި ދައުލަތުގެ ސިއްރު ލިޔެކިޔުންތައް ބަލެހެއްޓެވި ގޮތުގެ ސަބަބުން އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތްވެސް ހިނގަމުން އެބަދެއެވެ. އެ ޝަރީއަތުގެ އަޑުއެހުންތައް ދިގުލައިގެން ގޮސްފައި ވާ އިރު ދެން އެންމެ އަވަހަށް އަޑުއެހުމެއް އޮންނާނީ އަންނަ އަަހަރުއެވެ.

ޓްރަންޕް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައެވެ.