މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ޝަރުތު ތަކަކާއެކު ދޫކޮށްލައިފިއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ޝަމްއާން އަބްދުއްޝަކޫރު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދޫކޮށްލާފައި ވަނީ ޝަރުތު ތަކަކާއެކު އޭނާ ބަންދުން ދޫކޮށްލަން ފުލުހުން އެދުމުންނެވެ.

ޝަމްއާން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ޝަރުތުތަކުގެ ތަފްސީލް ދީފައި ނުވާއިރު ފުލުހުން ހުށަހެޅި ޝަރުތުތަކަށް އަމަލު ކުރަން އޭނާ އެއްބަސްވެފައިވާ ކަމަށް އެ އަމުރުގައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައި ވަނީ ވެހިކަލް ނުދުއްވުމަށް ޝަރުތު ކުރުމަށް ފަހުއެވެ. އަދި ފުލުހުން އަންގާ ގަޑިތަކުގައި ތަހުގީގަށް ހާޒިރުވުމަށް ވެސް ޝަރުތު ކުރުމަށް ފަހުގައެވެ.

މިދިޔަ މަހުގެ 3 ވަނަ ދުވަހު ޝަމްއާން ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖަހާފައި ވަނީ 15 ދުވަހެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އޭނާގެ ބަންދަށް ޖެހި އިތުރު 15 ދުވަސް އިއްޔެ ވަނީ ހަމަވެފައެވެ.

އީދު ދުވަހުގެ ފަތިހު ހިނގި މި އެކްސިޑެންޓަކީ ފަތިސް ނަމާދަށް ފަހު ހަފީޒް ގެއަށް ދަނިކޮށް ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓަށް ފަހު އޭނާ އަށް ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާއަށް ހަފީޒް އިންޑިއާއަށް ފުރުވާލާފައި ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ އަތުގައި ލައިސަންސް ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އަދި ސައިކަލް ދުއްވަން އިން މީހާ ހައްޔަރު ނުކޮށް ގިނަ ދުވަސް ވުމުން އާންމުންގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވެފައި ވެއެވެ. އެކަމާގުޅިގެން ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރުން ފަސްކުރީ އެކްސިޑެންޓްގައި އޭނާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމާއެކު ފަރުވާ ދެމުން ދިޔުމާ ގުޅިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައި ދިނުމުގައި ހޭދަކޮށްފައެވެ.