އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ހިޔަނި ޕާޓީއެއްގެ ގޮތުގައި އޮންނަ ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި އެ ޕާޓީގެ ސެނޭޓުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓާއެކު ނިންމާފައި ވަނީ އަންނަ ރިޔާސީ އިންތިހާބަށް ޕީއެންސީގެ ކެންޑިޑޭޓަކު ނެރުމަށެވެ.
މިއަހަރު ރިޔާސީ އިންތިހާބުގައި ޕީއެންސީ އިން ވާދަކުރުމާ ގުޅޭގޮތުން ގޮތް ނިންމުމަށް މިއަދު ހެނދުނު 10 ޖެހި އިރު ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުން ފަށާފައި ވާއިރު އެ ޕާޓީއިން ދާދިދެންމެއަކު ބުނީ ޕީއެންސީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ފާސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ މި ބައްދަލުވުމުގައި މަޝްވަރާކޮށް، ނިމިގެންދާނެ އެންމެ ބޮޑު އެއް ނިންމުމަކަށް ވާނީ ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމުން ދެން ކަންކުރާންޖެހޭ ގޮތެއް ކަނޑައެޅުން ކަމަށް އެ ޕާޓީއިން ބުނެއެވެ.
ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅު ކުުރައްވައި ކެމްޕެއިން ފައްޓަވާފައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މި ދެބޭފުޅުންގެ ތެރެއިން މުއިއްޒު ސައިލެންޓް ކެމްޕެއިނެއް ކުރައްވާތާ ދުވަސްތަކެއް ވެފައި ވާ އިރު، ކެންޑިޑޭޓްކަން ލިބިވަޑައިގެންފި ނަމަ ޖަގަހަ ހަދާނެ ތަންތަންވެސް ކުއްޔަށް ހިފާފައި ވާކަން "ދަ ޕްރެސް" އަށް އެނގިފައި ވެއެވެ. އާދާމް ޝަރީފާއި މުއިއްޒަކީ އިދިކޮޅު ޕާޓީގެ ތެރޭގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރައްވާ ދެބޭފުޅުންނަށް ވާއިރު އާދަމް ޝަރީފުވެސް ސައިލެންޓް ކެމްޕެއިނެއް ކުރައްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.
ޕީއެންސީ އާއި ޕީޕީއެމްގެ ބައެއް މަސްދަރުތަކުން އެނގޭ ގޮތުގައި ސެނޭޓުގެ މެޖޯރިޓީ ކޮންޓްރޯލް އޮތީ މުއިއްޒަށެވެ. އެހެން ކަމުން ސެނޭޓުން ކެންޑިޑޭޓަކުން ކަނޑައަޅާ އިރު ކެންޑިޑެސީ ކަށަވަރު ކުރައްވާނީ މުއިއްޒު ކަމަށް ވަނީ ބެލެވިފައެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން މިއަދު އީސީ އަށް ވަނީ އަންގާފައެވެ. އީސީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް މިއަދު މެނދުރުފަހު 3 ގެ ކުރިން ޖަވާބު ފޯމު މެދުވެރިކޮށް ޖަވާބު ދޭނެ ކަމަށް ބުނެފައެވެ.