ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމާ ކަމަށް ވިދާޅުވި ވިދާޅުވުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަނބުރާ ގެންދަވައިފިއެވެ.
މިދިޔަ މަހުގެ 17 ގައި، ވ. ފުލިދޫގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މީގެ ކުރިން ވިދާޅުވީ، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަވެރި ދެ ޕާޓީ އަށް ވާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށާއި، އެއަށް އެއްވެސް ތަފާތެއް ނާންނަ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެެގެންދާނީ އެމްޑީޕީއާ ޕީޕީއެމް. އެއަކަށް ތަފާތެއް އައިސްފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސްއެއް ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް،" ރައީސް މީގެ ކުރިން ވިދާޅުވިއެވެ.
ނަމަވެސް ހދ. ހަނިމާދޫގައި ހުންނަވައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ، ޕީޕީއެމަކީ އިންތިހާބުގައި ވާދަވެރި ބައެއްގެ ގޮތުގައި މިހާރު ނުފެންނަ ކަމަށެވެ.
މިހެން ވިދާޅުވެ، ރައީސް މިއަދު ވެސް ޕީޕީއެމަށް ގޮވާލެއްވީ އެއްވެސް ލަހެއް ފަހެއް ނެތި ކެންޑިޑޭޓެއް ނެރެ، ކެމްޕެއިންގެ ހަރަކާތްތައް ފެށުމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިންތިހާބު ކާމިޔާބުކުރަން ބޭނުން ނަމަ، ރައްޔިތުންގެ ގާތަށް ގޮސް ހާލު އަހުވާލު ބަލައި، ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަމުގެ ވާހަކަ ދައްކައި ވައުދުތައްވެ، އެ ވައުދުތައް ފުއްދާނެ ގޮތުގެ ވާހަކަތައް ދައްކަން ޖެހެއެވެ. ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީ ފިޔަވައި އެއްވެސް ޕާޓީއަކުން ވާދަވެރިކަމާ އެކު ކެމްޕެއިން ހަރަކާތްތައް ހިންގާ މަންޒަރެއް ނުފެނެއެވެ.
ރިޔާސީ އިންތިހާބުގައި އިިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނެވެ. ނަމަވެސް ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ ކަން ފާހަގަކޮށް، އެމަނިކުފާނުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލުކޮށްފައެވެ.
އެހެންކަމުން، އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފައެވެ. އެހެންކަމުން އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވޭނެ ކަން ކަށަވަރު ވާނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭ ސުޕްރީމް ކޯޓުން ނިންމާ ނިންމުމުގެ މައްޗަށެވެ.
މާﷲ ސްޕްރީމްކޯޓަށް ހުށަހަޅާފައިވާ މަސްއަލާގައި ރައީސް ޔާމީނު އަބުދުލް ގައްޔޫމަށް ނަސްރާއި ކާމިޔާބު މިންވަރު ކށްދެއްވަވާނދޭވެ. އާމީން