ފާއިތުވި 140 އަހަރުގެ ތެރޭގައި ވެސް ޗައިނާ އަށް ވާރޭ ވެފިފައި ނުވާހާ ބޯކޮށް، ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި ވާރޭ ވެހިފައި ވާކަމަށް އެގައުމުގެ އިދާރާތަކުން ބުނެފިއެވެ.

އެގޮތުން މިދިޔަ ހޮނިހިރުން ބުދަ އާ ދެމެދު 744.8 މިލިމީޓަރު (29.3 އިންޗި) ގެ ވާރޭ ވެހިފައި ވާ ކަަމަށް ބުނެފައި ވެއެވެ.

މި ވާރޭ އަކީ، ޗައިނާގެ ވެރިރަށް ހިމެނޭހެން ބޮޑު ސަރަހައްދަކަށް އަރާފައިވާ ތޫފާން ދޮކްސުރީގެ ސަބަބުން ވެހުނު ވާރެއެވެ.

ޗައިނާގެ މީޓިއަރޮލޮޖިކަލް ބިއުރޯއިން ބުނީ، ބެއިޖިން އާއި ހަބޭ އަށް ބޯކޮށް ވާރޭ ވެހުނު އިރު ފެންބޮޑުވެ ނުރައްކާ ދަރަޖަ ފަހަނައަޅާ ދިޔަ ކަމަށެވެ. މި ވިއްސާރަގައި ބައެއް މަގުތައް ހަލާކުވެ ސާފު ބޯފެން ފޯރުކޮށްދޭ ބޮޑެތި ހޮޅިތަކަށް ވެސް ގެއްލުން ވި ކަމަށް ބުނެފައި ވެއެވެ. އަދި ކޯރުތައް ފުރި ބަންޑުންވެ ކާރުތައް އޮޔާ ދިޔަމަކަށާއި މީހުން ސަލާމަތް ކުރުމަށް ކައިރި ސަރަހައްދުތަކުގެ ބުރިޖުތަކަށް ގެންދަން ޖެހުނު ކަމަށް ވެސް ބުނެފައި ވެއެވެ.

މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ވީ ހަބޭގެ ކުޑަ އަވަށެއް ކަމަށް ވާ ޒޯޒޯ އަށެވެ. އެ ސަރަހައްދުން އެއްކޮށް ކަރަންޓް ކެނޑި މުޅި ސަރަހައްދު ކަނު އަނދިރީގައި އޮތް އިރު އޮފިޝަލުން ވަނީ އަލިކަން ފޯރުކޮށް ދިނުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. އެ ސަރަހައްދުން 850،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ގެއްލިފައި ވާ 26 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ބެއިޖިން ހިމެނޭހެން މީގެ ކުރިން އެހާ ބޯކޮށް ވާރޭ ވެހިފައި ވަނީ 1891 ވަނަ އަހަރުއެވެ. އެ ފަހަރު 609 މިލިމީޓަރު (24 އިންޝި) އަށް ވާރޭ ވެހުނު ކަމަށް ރެކޯޑްތަކުން ދައްކައެވެ.