ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ކަމަށްވާ ސިޗުއާން އެއާލައިންސް އިން 7 އަހަރަށް ފަހު ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ސިޗުއާން އެއާލައިންސް އިން އަލުން ދަތުރު ފަށާފައި ވާއިރު 186 ފަސިންޖަރުންނާއެކު ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ އިއްޔެ ހަވީރު 6:05 ގައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ޗައިނާގެ ޗެންގްޑޫއާއި ރާއްޖެއާ ގުޅުވައިދޭ ގޮތަށް ސިޗުއާން އިން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށެވެ. އަދި ސިޗުއާން އެއާލައިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ޗައިނާގެ ދެ އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު ޗާޓާ ފްލައިޓެއް ބާއްވާ ކަމަށާއި ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ ކަމަށެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓް ކަމަށެވެ. އަދި މި އަހަރުގެ ކުރީކޮޅު ބޯޑަރު ހުޅުވާލިފަހުން ޗައިނާގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށާއި ޗައިނާއިން އަންނަ ފަތުރުވެރިންނަކީ މިހާރު ރާއްޖޭގެ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓުކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލުން ދުނިޔޭގެ އެކިކަންކޮޅުތަކާއި ރާއްޖެއާ ގުޅުވާލުމަށް ގިނަ އެއާލައިން ތަކަކަށް މަރުހަބާ ކިޔަމުން ދާއިރު މި އަހަރު ފިނިމޫސުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެފޮތުން އާ މަންޒިލްތަކުން ރާއްޖެއަށް ފްލައިޓްތައް ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމެރިކާގެ ވާޖިން އެޓަލާންޓިކް އަންނަ އޮކްޓޯބަރުގައި ލަންޑަން ހީތްރޯ އެއާޕޯޓާއި ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވާއިރު މިހާރު ވެސް ރާއްޖެއަށް ދުނިޔޭގެ ތިރީހަށް ވުރެ ގިނަ މަންޒިލުން ސާޅީހަށްވުރެ ގިނަ އެއާލައިން ދަނީ އޮޕަރޭޓް ކުރަމުންނެވެ.