ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައިފި ނަމަ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ނިންމަވާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ނަޝީދު ދޮގު ކުރައްވާފައި ވަނީ ޑިމޮކްރެޓްސްގެ މެންބަރުން އެކަތިގަނޑަކަށްވެ, އެއްބާރުލުން ދިނުމަށާއި އެކަން ނުކުރެވި ބައިބައި ވެއްޖެނަމަ ރައީސް ސޯލިހު ފަސޭހައިން މޮޅުވާނެ ކަމަށް ވިދާޅުވެ ޑިމޮކްރެޓްސް ޕާޓީ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މެސެޖެއް ފޮނުއްވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށާއި އެބާވަތުގެ އެއްވެސް ވާހަކައެއް އެމަނިކުފާނު ނުދައްކަވާ ކަމަށެވެ. އަދި ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެމަނިކުފާނުގެ [ނަޝީދުގެ] ސިޔާސީ ހަޔާތްޕުޅު ބިނާކުރައްވަނީ ރައީސް ސޯލިހާ ގުޅުވައިގެން ނޫންކަމަށެވެ.
އެ ހަބަރު ފަތުރަނީ ސަރުކާރުގެ ފަރާތުން ކަމަށް ތުހުމަތުކޮށް ނަޝީދު އިތުރަށް ވިދާޅުވީ "މިއީ ރައީސް އޮފީހުން ފައިސާ ހަރަދުކޮށްގެން ފޮނުވާ ދޮގު ހަބަރު" ކަމަށެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަނުކުރެއްވި ނަމަވެސް ނަޝީދު ތަމްސީލު ކުރައްވާ ޑިމޮކްރެޓްސް އިން ވަނީ ރިޔާސީ އިންތިހާބަށް އިލްޔާސް ލަބީބް ނެރެފައެވެ. އަދި ރަނިންމޭޓަކަށް އީވާ ހަަމަޖެއްސުމަށް ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް ރަސްމީކޮށް އަދި މިހާތަނަށް ރަނިން މޭޓެއް ކަނޑައަޅާފައެއް ނުވެއެވެ.
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާއި ޑިމޮކްރެޓްސްގެ އިތުރުން ޖޭޕީއާއާއި އެމްއެންޕީ އަދި އެމްއާރުއެމް އިން އެއް ކެންޑިޑޭޓެއް ނެރުމަށް ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް މަޝްވަރާ ކުރި ނަމަވެސް އެކަމަށް އަލިމަގެއް ފަނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހުރިހާ ޕާޓީ ތަކަކުން ވަކިވަކި ކެންޑިޑޭޓުން ނެރެ އިންތިހާބުގައި ވާދަ ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.