ށ. މިލަންދޫ އިންޖީނުގޭގެ އާ އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތް ހުޅުވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި އިއްޔެ މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފެނަކައިން ބުނީ މިލަންދޫގައި ކުރިން ބޭނުންކުރި އިންޖީނުގޭގެ އޮފީސް އިމާރާތަށް 22 އަހަރު ވެފައިވާ ކަމަށާއި އެތަނުގައި ހުރީ 1420 އަކަފޫޓު ކަމަށެވެ. އެހެންނަމަވެސް މިހާރު ހެދި އިމާރާތުގައި 2000 އަކަ ފޫޓުގެ ދެ ފްލޯ ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ އޮފީހުގައި 12 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް މިހާރު 54 މުވައްޒަފުން މަސައްކަތްކުރަމުންދާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މި އޮފީސް އިމާރާތުގައި 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭނެ ކަމަށެވެ.

ކުރިން ހުރި އޮފީސް އިމާރާތުގައި އޮފީހުގެ އިތުރުން ސްޕެއާ ގުދަނަކާއި ފާހަނައެއް ހިމެނެއެވެ. އެހެންނަމަވެސް މިހާރު ހުޅުވި އިމާރާތުގެ ގްރައުންޑް ފްލޯގައި އެޑްމިން އޮފީހަކާއި މީޓިން ރޫމަކާއި ކާ ކޮޓަރިއަކާއި ސެކިއުރިޓީރޫމެއްގެ އިތުރުން ގުދަނަކާއި 4 ފާހަނަ ހިމެނެއެވެ. އަދި ފުރަތަމަ ފްލޯގައި 4 ސްޕަވައިޒާ ރޫމާއި މެނޭޖާ ރޫމަކާއި ކޮންފަރެންސް ރޫމްގެ އިތުރުން 4 ފާހާނާ ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން ދެވަނަ ފްލޯގައި ގުދަނަކާއި 2 ބެޑްރޫމްގެ އެއް އެޕާޓްމަންޓާއި ބަދިގެއަކާއި ޓެރަސް ހިމެނޭ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން އިތުރަށް ބުނީ މީގެ ކުރިން މިލަންދޫ އިންޖީނުގޭގެ އޮފީސް ހުރީ އެ ރަށު ރަސްމީ ފުޓްބޯޅަދަނޑު ކައިރީ ކަމަށާއި މިހާރުގެ އެ އިމާރާތް ހުރީ އިންޖީނުގެ ހުރި ގޯތީގައި ނަމަވެސް އާ އޮފީސް އިމާރާތް އަޅާފައި ވަނީ ކުރީގެ 4000 އަކަ ފޫޓޫގެ ބިމަށް 5800 އަކަފޫޓު އިތުރުކޮށްގެން ކަމަށެވެ.