ރަޝިއާގެ ވެރިރަށަށް އަމާޒުކޮށް ދޭ ޑްރޯން ހަމަލާތައް އިތުރު ވަމުން އަންނަ އިރު ދެ ދުވަސް ތެރޭ 2 ވަނަ ހަމަލާއެއް ދީފިއެވެ.

މީގެ 2 ދުވަސް ކުރިން 3 ޑްރޯނެއް ފޮނުވާލައި ހަމަލާ ދީފައި ވާ އިރު ރޭ ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލައި ވަނީ ހަމަލާ ދީފައެވެ. ކުރީ ހަމަލާތައް ފަދައިން ރޭގެ ހަމަލާތައް ވެސް އަމާޒުވީ މޮސްކޯގެ ރަށް ބޭރުގައި ހުންނަ އުސް އިމާރާތްތަކަށެވެ. ގިނަ ޑްރޯންތައް ރަޝިއާއިން ވައްޓާލި ނަމަވެސް އެއް ޑްރޯނެއް ވަނީ މޮސްކްވާ ސިޓީ ކޮންޕްލެކްސް އަށް އަރާ އެތާނގެ ވަށައިގެން ޖަހާފައި ހުންނަ ބިއްލޫރިތަކުން ފްލޯއެއްގެ ބިއްލުރި ތެޅި ފުނޑުފުނޑުވެފައެވެ.

ރޭގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ޑްރޯން ހަމަލާތަކުގެ ޒިންމާ ރަޝިއާއިން ޔޫކްރައިންގެ ބޮލުގައި އަޅުވާފައި ވާ އިރު ރޭގެ ހަމަލާތަކާ ގުޅޭ ގޮތުން ޔޫކްރައިނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، ޑްރޯން ހަމަލާތަކުގެ އިތުރުން ޕައިލެޓަކު ނެތި ދަތުރު ކުރާ ސީ ޑްރޯންގެ 3 ޑްރޯން ބޭނުން ކޮށްގެން ރަޝިއާގެ ކަނޑުގެ ފްލީޓަށް ވެސް އިއްޔެ ހަމަލާދޭން މަސައްކަތް ކުރި ކަމަށާއި އެ 3 އުޅަނދުވެސް ގޮއްވާލާފައި ވާ ކަމަށެވެ.

ރޭ މޮސްކޯއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކުގެ ތެރެއިން ގިނަ އެއްޗެއްހި ރަޝިއާއިން ވަނީ ވައްޓާލާފައެވެ. އޭގެ ތެރެއިން 2 ޑްރޯނެއް ވައްޓާލީ މޮސްކޯގެ ބޭރުން ދިފާއީ ނިޒާމު ބޭނުން ކޮށްގެންނެވެ.

ރަޝިއާ އަށް ޑްރޯން ހަމަލާތައް އަމާޒުވަމުން ދާ އިރު މިއީ ފާއިތުވި މަހު ދިން 5 ވަނަ ހަމަލާއެވެ. މި ހަމަލާތަކާ ގުޅިގެން މީގެ ކުރިން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކި ވިދާޅުވެފައި ވަނީ، ރަޝިއާ އަށް ހަމަލާތައް އަމާޒުވާނެ ކަމަށާއި ދެގައުމެއްގެ ދެމެދުގައި ހަނގުރާމަ ހިނގަމުން ދާ އިރު އެއީ ނުވެ ނުދާނެ ކަމެއް ކަމަށެވެ.

ޔޫކްރައިނުން މޮސްކޯއަށް ހަމަލާ ދިން ކަމަށް ރަޝިއާ ބުނާއިރު، އެގައުމުން ވަނީ އިއްޔެއާ ރޭވެސް ޔޫކްރައިން އަށް ޑްރޯން ހަމަލާ ދީފައެވެ. އެގޮތުން ކާކީވްގައި އާންމުން ތިބޭ ޑޯމިޓަރީއަކަށް އަމާޒުވި ޑްރޯންގައި 6 މީހުން މަރުވެ 75 މީހަކު ވަނީ ޒަހަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި 10 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ހަމައެހެންމެ ޔޫކްރައިނުން ރަޝިއާގެ ޑޮނެސްކަށް ދިން ބޮޑުބަޑިގެ ހަމަލާތަކެއްގައި 3 މީހަކު މަރުވެފައި ވެއެވެ.