ޖަލުގައި އޮންނެވި ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވާން އެއްވެސް މީހަކު ބޭނުން ނުވިކަމަށާ ޑރ. މުހައްމަދު ޖަމީލު އަހްމަދު ރަނިންމޭޓްކަން ގަބޫލު ކުރެއްވީ ސަބަބުތަކެއް އޮވެގެން ކަަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ވާހަަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު، އެކަން ގަބޫލު ކުރެއްވީ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވެވަޑައިގަތުމުގެ އުންމީދުގައި ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ޕީޕީއެމް ގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސީ ކިހިނެތްތޯ ކުޑަކޮށް ބައްލަވައިލެއްވި ކަމަށެވެ. ރައީސް ޔާމީންގެ ރަނިންމޭޓްކަން ޖަމީލު ގަބޫލު ކުރެއްވުމުން އެކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިމްރާން ވިދާޅުވީ އެއީ މިވަގުތަށް 'ކަތިލެވޭ ކަންބަޅި' އެއް ކަމަށެވެ.

މި ވާ ގޮތަކީ، ޖަލުގައި އޮންނެވި ކެންޑިޑޭޓެއްގެ ރަނިންމޭޓްކަން ބަލައިގަންނާނެ ހަމަ އެކަކު ވެސް ނުވި އުޅެއުޅެ.
އިމްރާން

ޕީޕީއެމުން ރަނިންމޭޓަކަށް ޖަމީލް ހަމަޖެއްސުމަށް ފަހު، އަނެއްކާ ޕީއެންސީން ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ކެންޑިޑޭޓް ނެރޭނެ ފޯމިއުލާއެއް ވެސް އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށާ އޮތީ ހިޔާލު ތަފާތުވުން ތަކެއް ކަމަށެވެ. މީގެ އިތުރުން އިމްރާން ވިދާޅުވީ ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާތައް ކުރަމުން އަންނައިރު އެ ވާހަކަތައްވެސް ޑރ. ޖަމީލު އާ ހިއްސާކޮށްފައި ނުވާކަމަށެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ވާއިރު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، މިފަދަ ނިންމުންތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމާނީ ރައީސް ޔާމީންގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންއަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާއިރު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު މިއަދު ވަނީ އޭސީ އަށް ހުށަހަޅާފައެވެ. އަދި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިގަތުމާ މެދު މިއަދު އީސީ އިން ގޮތެއް ނިންމާނެއެވެ.