ކުށުގެ ރެކޯޑެއް އޮތްނަމަވެސް، ކުށުގެ ވެށިން ސަލާމަތްވެ ދިރިއުޅުން އާރާސްތު ކުރަން ބޭނުންވާ މީހާއަށް ވަޒީފާގެ ހަމަހަމަ ފުރުސަތު ނުލިބުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ހުރި ބޮޑެތި މައްސަލަތައް އަލިއަޅުވާލަމުން ޝަމީމްގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ ވަރަށް ގިނަ އިން ކުށްކުރާ މީހުންނާ ބައްދަލުވެ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުން ޒުވާން ކުދިންނަށް ގިނައިން ކުށް ކުރެވިފައި ހުންނަނީ އެކުގައި އުޅޭ ރަޙްމަތްތެރިންގެ ސަބަބުން، "ޕިއާ ޕްރެޝާ" ގެ ތެރެއިން ކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި ނުލިޔެ އޮތް ގަވައިދަކީ ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުލިބުމުގެ ގަވައިދުކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ ދައުލަތުގެ ސިޔާސަތުތައް އޮތްގޮތުން ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުދޭ ކަމަށާ މިކަމަކީ ކިހާވަރެއްގެ ގާނޫނީ ބުރަދަނެއް އޮތް ކަމެއްތޯ ބަލާ އޮޅުންފިލުއްވާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ވަކި ކަހަލަ ވަޒީފާތަކެއް، ވަކި ކަހަލަ ކުށުގެ ރެކޯޑެއް ނުވަތަ ތުހުމަތެއް އޮތް މީހަކަށް ނުދިނުމަކީ ރަނގަޅު ކަމެެއް ކަމަށެވެ. އެހެންނަމަވެސް ކުދިކުދި ވައްކަން، ނުވަތަ ކުޑައިރު ދިމާވެފައިވާ ލައިސަންސް ނުނަގައި ސައިކަލް ދުއްވުމުގެ މައްސަލައެއް އޮތުމުން ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުލިބޭގޮތް ވެއްޖެނަމަ، އެމީހަކު އިސްލާހު ވާން އޮތް ފުރުސަތުން މަހުރޫމް ވީ ކަމަށެވެ.

ކުށުގެ މާހައުލުން ނުކުންނަން މަސައްކަތް ކުރާ މީހުންގެ ތެރެއިން އެހެން ދިމާލަކުން އެހީތެރިކަން ނުލިބޭ މީހުންނަށް ވަޒީފާއަކީ ހަމައެކަނި ވަޒީފާއެއް ނޫންކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ ވަޒީފާއަކީ އޭނާގެ އަމިއްލަ ނަފުސުގެ އިތުބާރު ރުޖޫއަކޮށް ދޭ ވަސީލަތެއް ކަމަށެވެ. މީހާގެ ހަޔާތް އަނބުރާލަން ލިބޭ މި ފުރުސަތު ގާނޫނުން ފުޅާ ކޮށްދީފައި ވަނިކޮށް ގަވާއިދަކުން އިތުރަށް ހަނިކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާ އިޖްތިމާއީ ގޮތުންވެސް ކޮށްގެން ވާނޭ ކަމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުށްކުރާ ކުދިން ވަކި އުމުރަކަށް ދިއުމުން ކުރީގެ ނުބައި ރަހްމަތްތެރިން ދޫކޮށް އަމިއްލަ ދިރިއުޅުމެއް ފަށާ، އާއިލީ ގުޅުން ރަނގަޅުކޮށް، ވަޒީފާއެއް ހޯދާ ރަނގަޅު މީހެއްގެ ގޮތުގައި އުޅޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. މުޖްތަމައުގެ ނިޒާމުތައް އޮތްގޮތުން އެންމެ އަސާސީ ވަޒީފާގެ ފުރުސަތެއްވެސް އެފަދަ މީހުނަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފުރުސަތު ނުދީ، އުއްމީދު ކޮށްގެން ލިބޭނެ ނަތީޖާއެއް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.