މިއަދު ހުޅުވާ އަމާރި ރާޔާ ރިސޯޓާއެކު 4 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
މި ފަހަރުގެ އިންތިހާބުގައި 78 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާ، 69 ރިސޯޓަކުން އެ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓާ ކައިރި ރަށްރަށަށް ވޯޓު ލެވޭނެ ގޮތް ހެދުމުގެ ފުރުސަތު މުވައްޒަފުން ފަހިކޮށްދޭން މީގެ ކުރިން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް މިދިޔަ މަހުގެ 19 ވަނަ ދުވަހު އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އެތަންތަނުގައި މަސައްކަތްކުރާ، ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 ފަރާތަކުން ރީ ރަޖިސްޓްރޭޝަން ފޯމު އިއްޔެގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާތަނަށް ވޯޓުފޮށްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައިނެތް 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ކޮމިޝަނުން ނިންމައިފި ކަމަށެވެ.
އެ މުއްދަތު ހަމަވެ އިއްޔެ އީސީއިން ވަނީ އިތުރު 4 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައެވެ.
އެ ރިސޯޓުތަކަކީ:
- ކ. ފަށްފަޅުހުރާގައި ހިންގަމުން އަންނަ ފަރި ކެމްޕަސް މޯލްޑިވްސް
- ރ. ކުޑަކުރަތުގައި ހިންގަން ފަށާ އަމާރި ރާޔާ މޯލްޑިވްސް
- ކ. ގިރާވަރުގައި ހިންގަމުން އަންނަ ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
- އދ. މައްޗައްފުށިގައި ހިންގަމުން އަންނަ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
އީސީއިން ބުނީ ފަރި ކެމްޕަސް މޯލްޑިވްސްގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެ ރިސޯޓުގެ މަލްޓި ޕާޕަސް ހޯލްގައި ކަމަށާއި އެ ފޮށްޓަށް ވޯޓުލެވޭނީ ފަރި ކެމްޕަސް މޯލްޑިވްސް އާއި ރިޓްޒް ކާލްޓަން މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރާ މީހުން ކަމަށެވެ.
އީސީއިން ބުނީ އަަމަރީ ރާޔާއާއި ރަސްފުށި ރިސޯޓާއި ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓްގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓު ލެވޭނީ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެ ފޮއްޓަށް ވޯޓުލާން ރަޖިސްޓްރީ ކުރާ މީހުން ކަމަށެވެ.
އަމާރީ ރާޔާގެ ރެކްރިއޭޝަން ހޯލްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު ރަސްފުށި ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަނީ ސީއާރްއެފް އިންސްޕިރޭޝަން ރޫމްގައެވެ. އަދި ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީއިން ބުނެފައިވަނީ އެ ރިސޯޓުގެ ސީއައިއާރްއެމް ޓްރެއިނިން ރޫމްގައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ، އެ ރަށަކަށް އޮންލައިންކޮޮށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާގެ ނިޔަަލަށް އީސީއިން ވަނީ އިތުރުކޮށްފައެވެ.
ރީ ރަޖިސްޓްރޭޝަން ހުޅުވާލަނީ މިމަހުގެ 16 އިން ފެށިގެން ގޮސް އަންނަ މަހުގެ 5 އާ ހަމައަށެވެ. އަދި އޮންލައިންކޮށް ރަޖިސްޓްރޭޝަން ބަލައިގަންނަނީ 16 ވަނަ ދުވަހުން ފެށިގެން ގޮސް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އިއްޔެ އީސީއިން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ އޮންލައިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކުރަން އީސީއިން ނިންމާފައިވާ ކަމަށެވެ.