ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ މާދަމާ ފައިލް ކުރާނެ ކަމަށް ދާދި ދެންމެއަކު އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނަށް ވައްދަން އިދިކޮޅުން ނިންމާފައި ވަނީ، ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭ ފަދަ ހާލަތެއްގައި ބަދަލުގައި ނެރޭނެ ކެންޑިޑޭޓަކާ ގުޅޭގޮތުން ކޯލިޝަންގެ އިސް ބޭފުޅުން މަޝްވަރާކޮށްފައި ވަނިކޮށެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިދިކޮޅު ކޯލިޝަންގެ ސްޕޯކޮސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގައި މާދަން ހެނދުނު 10 ޖަހާކަން ހާއިރު ޔާމީންގެ ކެންޑިޑަސީ ފައިލްކުރާނެ ކަމަށެވެ.

ބައެއް ނޫސްތަކުގައި، ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް ފެންނަ ނަންތަކެއް ފޮނުވުމަށް ޔާމީން އަންގަވާފައިވާ ކަމަށް ވެއެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އެކަން ދޮގުކުރެއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ކުރިން ވިދާޅުވީ، ޔާމީނަށް ވާދަނުކުރެއްވޭ ފަދަ ހާލަތެއްގައޖ ޕީއެންސީން ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް، ވަކި ކެންޑިޑޭޓެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޯލިޝަންގެ ލީޑާޝިޕުން ނިންމާފައި ވަނީ ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިޚްތިޔާރު ޔާމީނަށް ދިނުމަށް ކަމަށެވެ.

މިފަދަ ނިންމުންތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމާނީ ޔާމީންގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީނަށް ވާދަނުކުރެއްވޭ ހާލަތުގައި ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރެން އުޅޭ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ، ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު އޮތް ގޮތުން ނަމަ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.