ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އައިވީއެފް ހެދުމަށް ފޯރުކޮށްދޭ މާލީ އެހީއަށް ހޮވިފައިވާ 5 ދެމަފިރިއަކަށް އެ އެހީ ހަވާލު ކޮށްފިއެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެހީއަށް ހޮވުނު ފަރާތްތަކަށް އެހީ ހަވާލު ކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފާހަގަކުރައްވާ ފަޒްނާ ވަނީ އެޖަމްއިއްޔާގެ ހިންގުންތެރީންނަށް ހިއްވަރުދެއްވާފައެވެ. އަދި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން އާންމުން ހޭލުންތެރި ކުރުވުމާއި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވުމަކީ ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒް ކުރުމާއި ކަންކަން ރަނގަޅު ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.
ދަރިމައިވުމުގެ މައްސަލަތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ކަންކަމަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަންކަން ކަމަށް ފަޒްނާ ވިދާޅުވިއެވެ. މީގެ އިތުރަށް ރާއްޖޭގެ އުފަންވެނި ސިއްހަތާއި ދަރިމައިވުމުގެ ސިއްހަތު އަދި ދަރިން ލިބޭ މިންވަރާ ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކުގެ މައްޗަށް ފަޒްނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.
ބޯހިމެނުމުގެ ތަފާސް ހިސާބުތައް ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ މިދިޔަ އަހަރާއި ހަމައަށް އައިރު ކުދިން ހޯދާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި އެއީ ހާއްސަ ސަމާލުކަން ދޭންޖެހޭ މުހިއްމު މައްސަލައެއް ކަމުގައި ދެކިގެން ސަރުކާރުން ފާޓިލިޓީ ސަޕޯޓާއި ގުޅޭ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަޒްނާ އިތުރަށް ވިދާޅުވީ ދަރިމައިވުމާއި ގުޅޭ މުޅި މައްސަލައަށް ހައްލެއް ހޯދަން ޖެހޭކަމަށާއި ރަނގަޅުކާނާ ކެއުމާ ކަސްރަތު ކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރާ ހޭދަ އިތުރުކުރަންޖެހޭ ކަމަށެވެ.