ދުނިޔޭގެ އާބާދީގެ ކޮންމެ ހަ މީހަކުން އެކަކަށް ދިމާވެފައިވާ މައްސަލައެއް ކަމުގައިވާ ދަރިން ނުލިބުމަކީ ރާއްޖޭގައިވެސް އެތައް ބަޔަކަށް ދިމާވެފައިވާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދަރިން ލިބުމުގެ އުމުރުފުރާގައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 17.5 ޕަސެންޓް މީހުންނަށް ވަނީ ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނެއެވެ.
މި ކުޑަކުޑަ ދިވެހި މުޖުތަމައަށް ނަޒަރު ހިންގާލުމުންވެސް ދަރިން ނުލިބުމުގެ މައްސަލައިގައި ދިރިއުޅުން ހުއްޓިފައިވާ އެތައް ދެމަފިރިންނެއް ފެނެއެވެ. އެ މާޔޫސްކަމާއި ހިއްދަތިކަން އެތައް އާއިލާއަކުން ތަހައްމަލު ކުރަމުން ދެއެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް އަސަރު ކޮށް އެންމެ ފަހުން ވަރިވެފައި ތިބި މީހުންވެސް އެބަ ތިއްބެވެ. ނަމަވެސް އޮތް އުފާވެރި ހަބަރަކީ ދަރިން ހޯދުމަށް ތަބީއީ ގޮތުން ކުރާ މަސައްކަތް ކާމިޔާބު ނުވުމުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިމައިވުމުގެ ފުރުސަތު މިހާރު އޮތީ ތަނަވަސްވެފައި ކަމެވެ.
ރާއްޖޭގެ ފުރަތަމަ އިންފާޓިލިޓީ ސްޕެޝަލިސްޓް ޑރ. ޒާކިޔާ އަހުމަދު ވިދާޅުވި ގޮތުގައި އިތުރު ފަރުވާއަށް ލަފާދެނީ ދަރިއަކު ހޯދުމަށް 12 މަސްދުހު މަސައްކަތް ކުރުމަށްފަހުވެސް ގުދުރަތީ ގޮތުން އެކަން ކާމިޔާބު ނުވާނަމައެވެ. އެގޮތުން އައިވީއެފް ހެދުމުގެ ކުރިން ދެމަފިރިންވެސް ޓެސްޓު ހަދައެވެ. އަދި މުއްދަތުގެ ތެރޭގައި އޮވިއުލޭޝަން ޕީރިއަޑް ދެނެގަތުމަށް ސްކޭން ހަދައެވެ. ނަތީޖާގެ މައްސަލަ އެހާ ބޮޑު ނޫންނަމަ ޒާކިޔާ ވިދާޅުވާ ގޮތުގައި ފުރަތަމަ ބަލަނީ ބޭސްދީގެން މާބަނޑު ވޭތޯއެވެ. ބޭހުން ނުވެއްޖެނަމަ ދެން ބަލަނީ އިންޖެކްޝަން ޖަހައިން ބިސް ބޮޑުކުރެވޭތޯއެވެ. ބޭހާއި އިންޖެކްޝަނުން ކާމިޔާބު ނުވެއްޖެނަމަ ފުރަތަމަ ދަނީ އިންޓަޔުޓްރިން އިންސެމިނޭޝަން (އައިޔޫއައި) އަށެވެ. އައިވީއެފް ހެދުމަށް ލަފާދެނީ އެ ފަރުވާ ވެސް ދެތިން ފަހަރު ފުރިހަމަކޮށް ފެއިލް ވެއްޖެނަމައެވެ.
ނަމަވެސް ދިވެހިރާއްޖޭގައި އިންފާޓިލިޓީއާ ގުޅޭ އެއްވެސް ރިސާޗެއް މިހާތަނަށް ހެދިފައި ނެތުމުން އާބާދީއަށް ބަލާއިރު ކިހާ ބަޔަކު މިކަން ތަހައްމަލުކުރި ކަމެއް އަދި ކުރަމުންދާ ކަމެއް ސީދާ ކަނޑައެޅިގެން އެނގޭކަށް ނެތެވެ.
ރާއްޖޭގައިވެސް މިހާރު އައިވީއެފް ހެދޭ!
ޓްރީޓޮޕް ހޮސްޕިޓަލުގައި ގާއިމުކުރި ފާޓިލިޓީ ސެންޓަރާއެކު ރާއްޖޭގައި އަވީއެފްގެ ހިދުމަތް ދޭން މިހާރު ވަނީ ފަށާފައެވެ. މި ހިދުމަތް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވީ ރާއްޖެއިން ބޭރުން އައިވީއެފް ހަދަން 3-4 ލައްކަ ހަރަދުވާކަމަށާއި ރާއްޖޭގައި އެ ފަރުވާ ލިބޭނަމަ ވަޒީފާ އަދާކުރަމުން އަދި އާއިލާގެ ކައިރީގައި ތިބެގެން އެ ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ލިބެމުން ދިޔައީ އައިޔޫއައި ފަރުވާ އެކަންޏެވެ. އެހެންވެ އައިވީއެފް ހެދުމަށް ބޮޑު ހަރަދުކޮށް ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ. ގިނަ ދިވެހިން މި ހިދުމަތް ހޯދަނީ އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލްތަކުންނެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާ ވިދާޅުވި ގޮތުގައި ދަރިމައި ވުމުގެ މައްސަލަތަކަށް އެ ހޮސްޕިޓަލުން ގެނެސްދެނީ މުޅި މައްސަލައަށް ފުރިހަމަ ހައްލެކެވެ.
ދަރިމައި ނުވުމަށް ދިމާވާ ސަބަބުތައް
ދަރިން ނުލިބުމުގެ މައްސަލަ ދެ ބަޔަކަށް ބެހެއެވެ. އެއީ ޕްރައިމަރީ އިންފާޓިލިޓީއާއި ސެކަންޑަރީ އިންފާޓިލިޓީއެވެ. ޕްރައިމަރީ އިންފާޓިލިޓީ އަކީ ދުވަހަކުވެސް ދަރިން ނުލިބުމެވެ. ސެކަންޑަރީ އިންފާޓިލިޓީއަކީ ފުރަތަމަ ދަރިއަކު ލިބި ނަމަވެސް ދެން މާބަނޑުވުމުގައި ދަތިތަކެއް ދިމާވުމެވެ.
ދަރިން ނުލިބުމުގެ ސަބަބުތަކުގެ ތެރޭގައި އަންހެނުންނަށް ދިމާވާ ކަންތައްތައް ހިމެނެއެވެ. އެގޮތުން ބިސް ބޮޑުނުވުން ހިމެނެއެވެ. ބިސް ބޮޑުނުވަނީ މައްސަރުގައި މައްސަލަތައް ދިމާވުމުން ނުވަތަ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ހުރުން ފަދަ ކަންކަމުގެ ސަބަބުންނެވެ. މީގެ އިތުރުން ބިސް ދަތުރުކުރާ ހޮޅި ބްލޮކު ވުމާއި އުފަންވާއިރުވެސް ރަހިމުގައި އައިބުތަކެއް ނުވަތަ މައްސަލަތަކެއް ހުރުމާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދުން ހިމެނެއެވެ.
ދަރިން ނުލިބުމުގެ ސަބަބުތަކުގެ ތެރޭގައި އަންހެނުންގެ އިތުރުން ފިރިހެނުންނަށް ދިމާވާ ކަންކަންވެސް ހިމެނެއެވެ. އެގޮތުން ފިރިހެނުންގެ ދަރިފަނީގައި މައްސަލަ ހުރުމާއި ދެމަފިރިކަމުގެ ގުޅުމުގައި ދިމާވާ މައްސަލަތަކާއި ދާއިމީ ގޮތެއްގައި ފަރުވާ ކުރާ ބަލިތައް ހިމެނެއެވެ.
މިފަދަ މައްސަލަތަކަށް ދިރިއުޅުމުގެ ލައިފްސްޓައިލް ބަދަލުކުރުމަކީވެސް ބައެއް ފަހަރު ހައްލެކެވެ. އެގޮތުން ފިހާރަތަކުގައި ޕެކެޓް ކޮށްފައި ހުންނަ ކާއެއްޗެހީގެ ބަދަލުގައި މޭވާއާއި ތަރުކާރީ ފަދަ ސިއްހަތައް ފައިދާ ހުރި ކާނާ ކެއުން މުހިންމެވެ. އަދި ސިނގިރޭޓު ބުއިމާއި ވޭޕް ކުރުން ފަދަ ކަންކަމުން ދުރުހެލިވުން މުހިންމެވެ. ގަވައިދުން ކަސްރަތުކުރުން މުހިންމެވެ. ހަމަ ނިދި ލިބުން މުހިންމެވެ. މިފަދަ ދިރިއުޅުމުގެ އެތައް އާދައެއް ބަދަލު ކުރެވިދާނެއެވެ.
ކަސްރަތުކޮށް ކާބަފައިން ކެއިކެއުން ކައި ހެލިފެލިވެ ބަލަ އިސާހިތަކު ހޮރމޯންތައް ބެލެންސްވެ އަބާދީ އިތުރުވާނެ.. ފޯރ ބޯތް މޭލް އެންޑް ފީމޭލްސްއަދް...ޓުރައި ދިސްވޭ އިޒް ބެޓާރ
ޢަދިވެސް ފާޑުފާޑު ނަންނަމުގައި ޅައުމުގައި މީހުން ގަޔަށް ތިވެކްސިން ބޮޑި ގެޅުން ހުއްޓާލާކަށް ނުވޭބާ؟
ދަރިމައިވުމަށް ހުރަސް އަޅާ އެތައް މާއްދާތަކެއް އެކުލެވޭ ވެކްސިންތައް ޖަހަމުންދާ އިރު، މިއިން އޮތް ނުރައްކާ ބަލައިނުގަންނަނީ ކީއްވެބާ؟ މިގޮތުން، އެލުމިނިއަމް، ޕޮލިސޯބޭޓް 80 އަދި ސޯޑިއަމް ބޮރޭޓް ހިމެނޭ. ފުރާވަރަށް އަރާ އަންހެން ކުދިންގެ ގަޔަށް ޖަހާ އެޗް.ޕީ.ވީ ވެކްސިން ގައި މި މާއްދާތައް ހުންނައިރު، 3 ޑޯޒު ޖަހާ. އެކަމަކު ވެސް، ދެން ދަރިން ނުލިބުނީމަ ހައިރާން މިވަނީ!
ރީތިވާ އެއްޗެހި ބޯންބޭނުންކުރާތީ ދިމާވާ މައްސަލައެއް.