ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ އަށް ފޮނުވަން އުޅުނު 2500 ކިލޯގެ ބޮޑު ޑްރަގް ޝިޕްމަންޓެއް އިންޑިއާއިން އަތުލައިގެންފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑްރަގް ހިފައިގެން ދަތުރުކުރި އުޅަނދު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން، އަތުލައިގަތީ ކެރެލާގެ އައްސޭރި ފަށުން ދަތުރު ކުރަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

މިގޮތުން 2،500 ކިލޯގެ މެތަމްފެޓަމިން އަތުލައިގެންފައި ވާއިރު މަސްތުވާތަކެއްޗާ އެކު ޕާކިސްތާނުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެއެވެ.

އަތުލައިގެން މަސްތުވާތަކެއްޗަކީ ޕާކިސްތާނުގެ ޑްރަގު ކާޓެލްއެއްގެ ވެރިޔާ, ހާޖީ ސަލީމްގެ ނެޓްވޯކުން ޓްރެފިކް ކުރި މަސްތުވާތަކެތި ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާންތަކުން އެނގޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އެ މަސްތުވަތަކެއްޗަކީ މި ފަހުން އިންޑިއާގައި އެއްފަހަރާ އަތުލައިގަތް އެންމެ ބޮޑު އެއް ޑްރަގް ޝިޕްމަންޓު ކަމަށް އެންސީބީއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.