ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިން މޭޓަކު ޕީޕީއެމްއިން ހުށަޙެޅުމުގެ ފުރުސަތު އޮތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިލްޔާސްގެ ކެމްޕެއިން ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މި ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭގޮތް ވަނީ ނުވެފައި ކަމަށެވެ. އަދި އިލްޔާސްގެ ރަނިން މޭޓެއްގެ ގޮތުގައި ޕީޕީއެމްގެ ބޭފުޅަކަށް ފުރުސަތު އޮތީ ފުޅާކޮށް ހުޅުވާލާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ

"އަޅުގަނޑު ޕީޕީއެމްގެ ލޮބުވެތި މެންބަރުންގެ ކިބައިން އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އެދެން އިލްޔާސް ލަބީބުގެ ރަނިން މޭޓެއްގެ ގޮތުގައި ތިބޭފުޅުންގެ ބޭފުޅަކު ހުށަހެޅުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފައި"
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް އަމާޒަކީ ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންނަށް އެދޭ އަދި ދިވެހި ރައްޔިތުންގެ ފަރާތުން ކުރާ ހެޔޮ ވެރިކަމެއް ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ކުރުން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދިއުމާއެކު މިއަދު ޖީބަށް ލިބުނު އެއްޗަކަށް ވުރެ ބޮޑު އެއްޗެެއް މާދަމާ ރައްޔިތުންނަށް ލިބޭނޭ ގޮތަކަށް ސިޔާސަތުތައް ތަންފީޒުވެގެން ދިއުމަކީ ވެސް އަމާޒެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރުންގެ ހިޔާލުފުޅު ވެސް އެމަނިކުފާނުގެ އަމާޒުތަކާ ތަފާތު ވެދާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު އިލްޔާސްގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހަަޖައްސަން ނިންމަވާފައި ވާކަން އެނގިފައި ވެއެވެ.

އިލްޔާސްގެ ރަނިން މޭޓަަކަށް އީވާ ހަމަޖައްސަން ނިންމާފައި ވާކަން ޑިމޮކްރެޓްސްއިން އަދި ރަސްމީކޮށް އިއުލާނު ކޮށްފައި ނުވިނަމަވެސް ޑިމޮކްރެޓްސްގެ އިސް މެންބަރެއްގެ ފަރާތުން އެކަން ވަނީ އެނގިފައެވެ. އިލްޔާސްގެ ރަނިން މޭޓަކަށް އީވާ ހަމަޖައްސައިިފި ނަމަ އޭނާ ވާނީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ކަނޑައަޅާ ފުރަތަމަ އަންހެން ރަނިން މޭޓަށެވެ.

އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ އީވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި އިންނަވާ މިއީ ތިން ވަނަ ދައުރެވެ. އީވާ ވަނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ގެންނެވި ސިޔާސީ އިސްލާހުތައް ގެނެއުމުގައި މުހިންމު ދައުރެއް ވެސް އަދާ ކުރައްވާފައެވެ. މިހާރު އެއީ މަޖިލީހުގެ ނައިބު ރައީސްވެސް މެއެވެ.