ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅަން ތައްޔާރުވަމުން ދާ ކަމަށާއި ވަކި ތާތީހެއް އަދި ނެތް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅާނެ ދުވަހަކާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލު މިއަދު މިއަދު ވިދާޅުވީ ވީ އެންމެ އަވަހަކަށް ކެންޑިޑެސީ ފޯމު ހުށަހެޅުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެހެންނަމަވެސް ސީދާ ވަކި ތާރީހެއް ދަންނަވަން އަދި އެނގިވަޑަައިނުގަންނަވާ ކަމަށް ވެސް ތޮލާލު ވިދާޅުވިއެވެ.
މި މަހުގެ 24 ވަނަ ދުވަހު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމުގައި ކަރެކްޝަންސް މެދުވެރިކޮށް އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ މިއަދު ހަމަޖައްސާފައެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު ޑރ. ޖަމީދު ވިދާޅުވީ ކޮންމެ ވާހަކައެއް ދައްކަން ޖެހޭނީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގެ ތެރޭގައި ކަމަށާއި މިހާ ހިސާބަށް އަންނައިރު ކެންޑިޑަސީގެ މައްސަލައެއް ދިމާވެއްޖެނަމަ އެކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ އެކަމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް ސައްތައިން ސައްތަ ޔަގީންކަން ލިބިވަޑައިގެންފައި ވާ ކަމަށާއި ރައީސް ޔާމީންގެ ކެންޑިޑަސީ ކަނޑައެޅިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމިގެންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، މި އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.