ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ލަސްވަމުން ދާތީ، އެ މައްސަލަައިގެ އެންމެ ފަހުގެ އަޕްޑޭޓެއް ހޯދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުން މިއަދު ވެސް ހައިކޯޓަށް ވަޑައިގެންފިއެވެ.
ހައިކޯޓަށް ވަޑައިގަތުމަށް ފަހު އިދިކޮޅު ލީޑަރުން ވަނީ ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެ ގޮތުން ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދު ވެސް ހައިކޯޓަށް ވަޑައިގަތީ ބަންދަކަށް ފަހު ސަރުކާރު ހުޅުވުމުން ރައީސް ޔާމީންގެ މައްސަލައިގެ އަޕްޑޭޓެއް ހޯއްދެވުމަށް ކަމަށާއި ލިބުނީ ވަރަށް ވެސް ހިތް ނޭދޭ ޖަވާބެއް ކަމަށެވެ.
ކައުންޓަރުން އެންމެ ފުރަތަމަ މައުލޫމާތު ދެމުން ބުނެފައި ވަނީ ޔާމީންގެ މައްސަލަ ބަލަމުންދާ ސެކްޝަންގެ އެއްވެސް މުއައްޒަފަކު އޮފީހުގައި ނެތް ކަމަށެވެ. އެއަށް ފަހު މީޑިއާ އޮފިޝަލަކު ނިކުމެވަޑައިގެން އިދިކޮޅު ލީޑަރުން ގާތުގައި އެ މައްސަލައާ ގުޅޭ އެއްވެސް އަޕްޑޭޓެއް ނެތް ކަމަށް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެ މައްސަލަ ނުބަލައި ލަސްވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ މުއްދަތު އަންނަ މަހުގެ 7 އަށް ހަމަވާނެ ކަމަށާއި އޭގެ ކުރިން ހައިކޯޓުގައި ވާ މައްސަލަ ބަލައި ނިންމަފާނެތީ، މި ސަރުކާރުން އެ މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން ޔާމީންގެ މައްސަލަ ބަލައި ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް އެ މައްސަލަ ބައްލަވައި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ޗުއްޓީ ނެންނެވި ކަމަށާއި އެއަށް ފަހު އެ ފަނޑިޔާރު ނިކުމެވަޑައިގެން އިރު އަނެއް ފަނޑިޔާރު ރާއްޖެއިން ބޭރަށް ފުރާވަޑައިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެއަށް ފަހު އެ ފަނޑިޔާރު އެނބުރި ވަޑައިގަންނަވަން އޮތް ތާރީހަށް ވަޑައިނުގަތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ހުރިހާ ކަމެއް މި ހިންގަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރޭވުމުގެ މަތިން ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ. މި ކަންބޮޑުވުންތަކާ އެކު އަދުރޭ ވަނީ ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ކިބައިން އެހެން ނުހައްދަވައި އެ މައްސަލަ އަވަހަށް ބައްލަވައި ދިނުމަށް ވަރަށް އިހްތިރާމާއެކު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ. އެއާއެކު އެ މައްސަލައިގައި އެކަށީގެންވާ ޖަވާބެއް ނުލިބޭތީ ކަމަށް ބުނެ އިދިކޮޅު ލީޑަރުން ވަނީ މި މަހުގެ 23 އަދި 18 ވަނަ ދުވަހުވެސް ހައިކޯޓަށް ވަޑައިގެންފައެވެ.
އިދިކޮޅުގެ އިސްވެރިން ހައިކޯޓަށް މިއަދު ވަޑައިގެންފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.