އުމުރުން 11 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަމުން ކުރަމުން ގޮސް ބަލިވެ އިން އަންހެން ކުއްޖެއްގެ ދަރިފުޅުގެ ދެ ބައްޕަ 20 އަހަރަށް ޖަލަށް ލައިފިއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ބަލާ ހާއްސަ ކޯޓު [ޕޮސްކޯ] އިން މައްސަލަ ބަލައި ނިންމީ ޑީއެންއޭ ޓެސްޓުން އެ ތުއްތު ކުއްޖާގެ 2 ބައްޕަ ސާބިތުވާ ނަމަވެސް އެއީ ރޭޕް ކުރިކަން ސާބިތު ކުރެވޭނެ ހަމައެކަނި ގޮތް ނޫން ކަމަށާއި ނަމަވެސް ރޭޕް ކުރިކަމަށް ދަލީލުކޮށްދޭ ހެއްކެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ.

އެގޮތުން ޑީއެންއޭ އާއި އެނޫންވެސް ތަހުލީލުތަކުން އެ ކުއްޖާގެ ޑީއެންއޭ 2 ފިރިހެނަކާ ދިމާވާ ކަމަށާއި އެތަނުން އެކަކީ އެ އަންހެން ކުއްޖާ ހިނގާބިގާނވެ އުޅުމުގެ ތެރޭގައި ދިމާވި ގޭދޮށު ފިހާރައެއްގައި ހުންނަ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. ދެވަނަ މީހާ އަކީ އަންހެން ކުއްޖާގެ މަންމަގެ ރައްޓެއްސެއްގެ ފިރިމީހާ (39އ) ކަމަށެވެ.

މި ދެމީހުން ކުރެ ކޮންމެ މީހަކު 20 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާ އިރު، އެއީ ތުއްތު ކުއްޖާގެ ބައްޕަކަން ދެނެގަތީ، ބަލިވެއިން އަންހެން ކުއްޖާ ދިން މައުލޫމާތުގެ އަލީގައި ހިންގި ތަހުގީގުތަކުންނެވެ.

އެ އަންހެން ކުއްޖާ ބުނީ، އުމުރުން 34 އަހަރުގެ ފިރިހެން މީހާއާ ދިމާވީ ގޭދޮށު ފިހާރައަކުން ކަމަށާއި އެހެން އުޅުމުގެ ތެރޭގައި ފެނިދެނިވެ އެކުވެރިކަން އުފެނުނު ކަމަށެވެ. އަދި އެ ފިރިހެން މީހާ، އޭނާ އާ ބެހި ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށާއި، ދެވަނަ މީހާ އަކީ އޭނާގެ މަންމަގެ ރައްޓެއްސެއްގެ ފިރިމީހާ ކަމަށެވެ. އެމީހާ ދަންނަން ފެށީ މަންމަގެ ދުނިޔޭގައި އެނާ ގެއަށް އައިސް އުޅުމުގެ ތެރޭގައި ކަމަށް ވެސް ބުނެފައި ވެއެވެ.

ކޯޓުގައި ޝަރީއަތް ހިނގަމުން ދިޔަ އިރު ހާމަވި ބައެއް މައުލޫމާތަށް ބަލާއިރު، އަންހެން ކުއްޖާގެ އުމުރުން 11 އަހަރުން ފެށިގެން އެ 2 މީހުން ދިޔައީ ޖިންސީ ގޯނާ ކުރަމުން ކަމަށާއި އެކަން ހިނގަމުން ދިޔަ އިރު އެއީ ކޮންކަހަލަ ކަމެއް ކަން އަންހެން ކުއްޖާއަށް މުޅިން ސާފު ނުވާ ކަމަށެވެ. އަދި އެހެން އުޅުމުގެ ތެރޭގައި ބަނޑު ބޮޑުވީ އުމުރުން 16 އަހަރުގައި ކަމަށާއި ބަނޑު ބޮޑުވި އިރު ފުރަތަމަ ހީކުރެވުނީ އެއީ ކައިގެން ވީ ކަމެއް ނަމަވެސް، އަންހެން ކުއްޖާގެ ބެލެނިވެރިންނަށް ޝައްކު ވެ، ކްލިނިކަށް ގޮސް ހެދި ޕްރެގްނަންސީ ޓެސްޓުން ބަނޑުބޮޑުކަން އެނގުނު ކަމަށެވެ.

އެ އަންހެންކުއްޖާ މަންމަ މަރުވުމާއެކު ދެން ދިރިއުޅެމުން ދިޔައީ ތިމާގެ މީހެއްގެ ބެލުމުގެ ދަށުގައެވެ.

ކުއްވެރިވި 2 މީހުން 20 އަހަރަށް ޖަލަށް ލާފައިވާ އިރު އެއިން ކޮންމެ މީހަކު ވަނީ 25 ހާސް އިންޑިއާ ރުޕީސް އިން ޖޫރިމަނާވެސް ކޮށްފައެވެ. ކޯޓުން ބުނީ އެ ފައިސާ ދޭނީ ބަދަލެއްގެ ގޮތުގައި އަންހެން ކުއްޖާ އަށް ކަމަށާއި އަންހެން ކުއްޖާގެ ހަޔާތުގައި ލީ 'ލަކުނަކީ' ފައިސާއަކުން އަގު އަދާކުރެވޭ ވަރުގެ ކަމެއް ނޫން ނަމަވެސް ދިރިއުޅުމުގެ ތަކުލީފުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ.