ބަންގްލަދޭޝްގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އާންމު ރައްޔިތުން ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.
ސަރުކާރާ ވާދަވެރި ބަގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ ކުރަމުންދާ މުޒާހަރާގައި ބޮޑުވަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވަމުން ދާ އިރު ފުލުހުންނާ ކުރިމަތިލުންތައް ވެސް ދަނީ ހިނގަމުންނެވެ.
މުޒާހަރާގެ ބައިވެރިން ވެރިރަށް ޑާކާގެ މައި މަގުތައް ބަންދުކޮށް ފުލުހުންނާ ދިމާއަށް ގާއުކާ ހަމަނުޖެހުން ހިންގަމުން ދާއިރު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ރަބަރު ވަޒަނާއި ކަރުދަގޭސް ބޭނުން ކޮށްފައެވެ.
ހަބަރުތައް ބުނާގޮތުން މުޒާހަރާގެ ބައިވެރިން ބަސްތަކުގައި ރޯކޮށް ފުލުހުންނާ ދިމާއަށް ޕެޓްރޯލް ބޮންވެސް އުކާފައި ވެއެވެ.
މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުމަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމެވެ. އެމީހުން ބުނަމުން ދަނީ އަންނަ އަހަރުގެ ކުރީކޮޅު އޮންނަ އާންމު އިންތިހާބުގެ ކުރިން ޝައިހު ހަސީނާ އިސްތިއުފާ ދެއްވުމަށާއި، އިންތިހާބު ބޭއްވެންދެން ވަގުތީ ސަރުކާރަކާ ހިންގުން ހަވާލު ކުރުމަށެވެ.
ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެވި ބީއެންޕީގެ ލީޑަރު ހާލިދާ ޒިޔާ، ކޮރަޕްޝަންގެ ތުހުމަތުތަކުގައި 2018 ގައި ޖަލަށް ލީ ފަހުން، މިއީ ވިދިވިދިގެން ކުރާ ބޮޑެތި މުޒާހަރާތަކުގެ ތެރެއިން އެއް މުޒާހަރާއެވެ. މިދިޔަ ހުކުރު ދުވަހުވެސް 10-12 ހާސް މީހުން އެއްވެ ވަނީ މުޒާހަރާއެއް ކޮށްފައެވެ.
މި މުޒާހަރާތަކުގައި ބީއެންޕީގެ ސަޕޯޓަރުންނާއި ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައި ވާ އިރު ފުލުހުން ވަނީ 90 މީހަކު ހިމެނޭހެން ބީއެންޕީގެ އިސް ދެލީޑަރަކުވެސް ހައްޔަރު ކޮށްފައެވެ.
ބީއެންޕީގެ އިސް ލީޑަރެއް ކަމަށް ވާ އަބްދުލް މޮޔީން ހާން ބުނީ، މިއަދުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފެންނަނީ ގޮއްމުށުގެ ބާރުގައި އިންތިހާބު އޮޅުވާލައިގެން ވެސް ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. އަދި ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ފުލުހުން ބޭނުން ކޮށްގެން ނަގާލަމުން ދާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާން ފާރޫކް އަހުމަދު ބުނީ، މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާ ދިނީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށާއި ފުލުހުން މަސައްކަތް ކުރަމުން ދިޔައީ ޓްރެފިކް ހަމަޔަކަށް އެޅުވުމަށް ކަމަށެވެ.
އާންމު ވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މައިތިރި ކުރުމަށް ލަކުޑި ބެޓަނުން އެމީހުންގެ ގައިގައި ތަޅާ ހަދާފައެވެ.